ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ކ. ހުރާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށާފައެވެ. އެއާއެކު ބީއެމްއެލް އިން ބުނީ މިހާރު ކ. އަތޮޅުގެ ހުރިހާ ރަށަކުންވެސް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ހުރާގައި މި ހިދުމަތް ތައާރަފް ކުރުމަށްފަހު ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ކ. އަތޮޅުގެ އިތުރުން ހއ، ނ، މ، އަދި ދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް މިހާރު ގާއިމުކޮށްފައިވާކަމަށާއި، މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެއިތުރުން އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ. މި އަދަދުތަކުންވެސް މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ހިދުމަތެއްކަން ހާމަވާކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގެ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 123 ސެލްފް ސަާވިސް ބޭންކިން ސެންޓަރު، 178 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ.