ކުދިން ކުށްކުރުމުން ދުރުހެލި ކުރުމަށް ކުރަންވީ ކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން އެ މާހައުލު ބަދަކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ މިފަދައިން ވިދާޅުވެފައި މިވަނީ ކުޑަކުދިންގެ އަދުލާ ބެހޭ ގާނޫނުގައި ޖިނާއީ ކުށަށް ޒިންމާ އުފުލަން ޖެހޭ އުމުރު ފުރާ މިހާރު އޮތްގޮތަށް އޮތުމަކީ ރާއްޖޭގެ މާހައުލުގައި ޖިނާއީ ކުށްތަކަށް އަރައިގަންނަ މިންވަރަށް ބަލާއިރު އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށާއި އެ އުމުރު ފުރާ 12 އަހަރަށް ބަދަލުކުރަންޖެހޭ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.

ފުލުހުންގެ ތަހުގީގީ ދާއިރާއާއި ސަރުކާރުގެ ބައެއް މީހުން ދެކޭ ގޮތުގައި ހައްލަކީ، ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް، ނުވަތަ 10 އަހަރަށް ދަށްކޮށް ޖިނާއީ ތަހުގީގުކުރެވޭ ގޮތް ހެދުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދައުވާ ކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ނޫންކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ޝަމީމް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާހައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށެެވެ. އަދި ކުށަށް ހިތްވަރުލިބޭ މާހައުލެއްގައި ނެތް ކުއްޖަކު ކުށެއް ކޮށްގެން، ޖިނާއީ އަދުލުގެ ނިޒާމުގެ ސަމާލުކަމަށް އައިސްފައި ނުވާ ކަމަށެވެ. އެހެންކަމުން ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާހައުލު ބަދަލުކުރެވޭތޯ ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަން ކުރުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ މީހުންނަށް އޮތް ނަމަވެސް، މާހައުލު ބަދަލުކުރުމާއި، އެބަދަލާއެކު ކުޑަކުދިންގެ ސުލޫކަށް ބަދަލު ގެނައުމުގައި ދަތިތަކެއް ހުރިކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އަދި މިއީ ވަގުތުން ނަތީޖާ ފެންނާނެ ކަމެއް ނޫން ކަމަށާއި ކެތްތެރިކަމާއި މި ކަމުގައި ކެތްތެރިކަމާއި ސާބިތުކަން ބޭނުންވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތަކާ ތަފާތު ކަމުގައެވެ. އަދި ސަރުކާރުގެ އިދާރާތަކުން ދެކޭ ގޮތުގައި، ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އުޅޭކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ ކުށްކުރާ މީހުންގެ އާބާދީއަކީ 1500 އާއި 2000 އާ ދެމެދުކަމަށް ބަލަފިނަމަ، މި 200 ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، މިއީ ގައުމީ މައްސަލައަކަށް ވެދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.