ރާއްޖޭގެ ދެކުނުން 680 މޭލު އަދި ލަންކާގެ ހުޅަނގުން ވެސް 680 މޭލު އަދި އިންޑިއާއިން ބަލާނަމަ 840 މޭލު ދުރުގައި ކަނޑުއަޑީގައި ހުރި ކޯބަލްޓް ފަރުބަދަ ތަހުލީލު ކުރަން އިންޑިއާއިން ހުށަހަޅައިފިއެވެ.
މި ފަރުބަދައަކީ މިހާރު ޗައިނާއިން ދިރާސާކޮށް ކަބާގުޅޭ ތަހުލީލުތައް ހިންގަމުން ގެންދާ 1158 މޭލަށް ފެތުރިފައި އޮތް ބޮޑު ފަރުބަދައެކެވެ.
އިލެކްޓްރިކް ވެހިކަލް ތަކާއި ގްރީން އެނާޖީއަށް ބޭނުންވާ މުހިންމު މައުދަނެއް ކަމަށް ވާ ކޯބަލްޓާއި ނިކެލް އަދި މެންގަނީޒް އާއި ކޮޕާ ހިމެނޭ މި މާސިންގާ ފަރުބަދަ ތަހުލީލު ކުރުމުގެ ހުއްދައަށް އެދި އިންޑިއާ އިން ހުށަހެޅީ ޗައިނާއިން އެ ފަރުބަދަ ވަށާ މަސައްކަތްތަކެއް ކުރާތީއެވެ.
ޖެމެއިކާގައި ހުންނަ އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ (އައިއެސްއޭ) އަށް ހުއްދައަށް އެދި އިންޑިއާއިން ހުށަހަޅާފައިވާކަން އެ އިދާރާއިން ހާމަ ކުރަމުން ބުނެފައި ވަނީ ހުއްދަ އަށް އެދި 500,000 އެމެރިކާ ޑޮލްރުގެ ޑިޕޮސިޓެއްވެސް ދައްކާފައި ވާ ކަމަށެވެ. އދ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން 1994 ގައި އުފައްދާފައި ވާ އެ އިދާރާއިން ބުނީ, 'އަފަނަސީ ނިކިޓިން' ނަމުން ނަން ދީފައިވާ އެ ސީމައުންޓް ނުވަތަ ފަރުބަދައެއް ގޮތަށް އުފުލިފައިވާ ސަރަހައްދު ބަލާ ދިރާސާ ކުރުމުގެ ހުއްދަ އިންޑިއާއަށް ދިނުމުގެ ކުރިން އެ ސަރަހައްދުގެ އިހުތިސޯށް ފުށޫއަރާ އިތުރު ގައުމަކާ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އެގައުމަކީ ކޮބައިކަން އެ އިދާރާއިން ހާމަ ނުކުރި ނަމަވެސް އެއީ ލަންކާ ކަމަށް އިންޑިއާގެ އެކްސްޕާޓުން ބުނެއެވެ. ލަންކާގެ ކޮންޓިނެންޓަލް ޝެލްޕް އެ މައުންޓާ ހަމައަށް އޮވެއެވެ.
4800 ކިލޯމީޓަރު އަޑީގައި 1200 މީޓަރަށް އުފުލިގައިވާ އެ މައުންޓް ނުވަތަ ފަރުބަދަ ދިރާސާ ކުރުމަށް އިންޑިއާއިން ހުށަހެޅީ 15 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި ޖިއޯފިޒިކަލް, ޖިއޮލޮޖިކަލް, ބައޮލޮޖިކަލް, އޯޝަންގަރެފިކް އަދި ތިމާވެއްޓާ ގުޅުންހުރި ތަހުލީލުތައް ކުރަން ހުށަހަޅާފައި ވެއެވެ.
ނިމިދިޔަ ސަރުކާރުގައި ރާއްޖޭގެ ކަނޑުއަޑީގެ ސަތަހައިގެ މެޕް ކުރެހުމުގެ ހުއްދަ އިންޑިއާއަށް ދިން އިރު އިންޑިއާއިން ވަނީ ރާއްޖޭގެ އެތަން މިތަނުގެ ހައިޑްރޯގްރެފިަކް ސާވޭ ކޮށް ޗާޓުތައް ކުރަހާ ހަދާފައެވެ. އެ ޗާޓުތަކުގެ އަލީގައި, ރާއްޖޭގެ ކަނޑުއަޑީގައި ހުރި މައުދަންތަކާއި ފަރުބަދަތަކާއި އަދި އެނޫންވެސް ހައްސާސް އެތައް މައުލޫމާތެއް އެއްކޮށްފައި ވެއެވެ. އެ ޗާޓުތައް ހަދާ ވިއްކާ އެއިން އާމްދަނީ ހޯދާފައި ވާ އިރު ވިއްކި ޗާޓުތަކުން ޕަސެންޓެއް ރާއްޖެއަށް ވެސް ދިނެވެ.
ހިނގަމުން މިދާ ސަރުކާރުގައި ޗައިނާގެ ދިރާސާ އުޅަނދަކަށް ހުއްދަ ދީ, އެ އުޅަނދު ރާއްޖޭގެ ކަނޑުތަކާއި ރާއްޖެއާއި އިންޑިއާ އަދި ލަންކާ ބެދޭ ހިސާޝުގެ ކަނޑުގައި އެތައް ތަހުލީލުތަކެއް ކޮށްފައި ވެއެވެ. މިއީވެސް ކަނޑުއަޑީގެ ޗާޓު ކުރެވުމުގެ ގާބިލުކަންވެސް ހުރި އުޅަނދެއް ކަމަށް އިންޑިއާއިން އައީ ބުނަމުންނެވެ.
އައިއެސްއޭ އިން ބުނާގޮތުގައި އިންޑިއާ ކަނޑުގައި އަތްފުނާ އަޅާ ކަނޑުގެ އަޑި ސާވޭ ކުރުމުގެ ހުއްދަ މިވަގުތު ދީފައި އޮންނަނީ ޗައިނާ އާއި ޖަރުމަނާއި އަދި ދެކުނު ކޮރެއާ އަށެވެ.
އިންޑިއާ އިން ދިރާސާ ކުރަން އެދި ހުށަހެޅި މި ކޯބަލްޓް ފަރުބަދަ ދިރާސާ ކުރުމުގެ ޝައުގުވެރިކަން ސްރީލަންކާއިން ފާޅުކޮށްފައި ވެއެވެ. ނަމަވެސް އަދި ލަންކާ އަކުން ހުއްދައަށް އެދި ހުށަހަޅާފައެއް ނުވެއެވެ.
އިންޑިއާއިން ބުނާގޮތުގައި ކޯބަލްޓް އިން މުއްސަނދި އެ ފަރުބަދަ ހުރީ ވަށައިގެން އޮތް ގައުމުތަކުން ކުރެ އެއްވެސް ގައުމެއްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންއަށް ލައްވާ ހިސާބަކު ނޫނެވެ. އެހެން ކަމުން އިންޑިއާ އަށް ވެސް އެ ފަރުބަދަ ބަލާ ދިރާސާކުރުމުގެ ހައްގު އޮންނަން ވާނެ ކަމަށް ބުނެއެވެ.
މިވަގުތު ދުނިޔޭގައި އިލެކްޓްރޯނިކް ވެހިކަލާއި ގްރީން އެނާޖީއަށް ބޮޑުތަރުހީބެއް އޮތް އިރު އެ މާކެޓުގެ 60 ޕަސެންޓް ކޮންޓްރޯލް ކުރާ ގައުމަކީ ޗައިނާއެވެ.