މާލެ ސަރަހައްދުގައި ކުށްކުރުން އިތުރުވެފައިވަނީ މިދިޔަ ސަރުކާރުގައި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން ކަމަށް ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވިދާަޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް (އެމްސީއެސް) އިން 10 ވަރަކަށްް މަސް ކުރިން 434 ކުށްވެރިން ދޫކޮށްލާފައިވާ ކަމަށާއި، މީގެއިތުރުން ފުލުހުންނަށް ޒަމާނީ ވަސީލަތްތަކެއް ލިބުން ދަތިވުމުން ފުލުހުން ތިބީ ވަރަށް ބޮޑު "ކާރިސާއެއްގައި" ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުގައި ތަންފީޒީ އިދާރާތައް ތަރައްގީކޮށް ހަރުދަނާ ކުރުމަށްޓަކައި ރަނގަޅަށް ޕްލޭން ކުރެވިގެން މަޝްރޫއުތައް ހިންގާފައި ނެތުމުން އެކަން ހައްލުކުރުމަށް މިހާރު ދަތިވާ ކަމަށެވެ.

ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހުގެ ތެރޭގައި ވައްކަމުގެ 244 މައްސަަލަ އަދި އޭޕްރީލް މަހުގެ ތެރޭގައި ވައްކަމުގެ 285 މައްސަލަ އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ނިމިދިޔަ މާޗު މަހު އެންމެ ގިނައިން ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަަތައްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މާޗު މަހު ޖުމުލަ 1127 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 321 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ. މާޗް މަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 295 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ ގޮތުގައި 130 މައްސަލަ ހުށަހަޅާފައިވެއެވެ.