ގަވައިދާ ހިލާފަށް މީހުން އަރުވައިގެން އެއާޕޯޓަށް ދިޔަ އުޅަނދެއް ފުލުހުން ޓޯ ކޮށްފިއެވެ.
ފުލުހުން ބުނީ ހުއްދަ ނެތި ގަވައިދާ ހިލާފަށް މީހުން އަރުވައިން މާލެ އިން އެއާޕޯޓަށް ދަތުރުކުރި މި އުޅަނދު ޗެކު ކުރިއިރު އެ އުޅަނދަކީ ބީ ޒޯންގައި ރެޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ކަމަށެވެ.
މި އުޅަނދު އޭ ޒޯންގައި ދުއްވާފައިވުމާއި، އުޅަނދުގެ އަހަރީ ފީ ހަމަވެފައި ވުމުން ފިޔަވަޅު އަޅާ އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ފުލުހުން ވަނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ 4 ފުރޮޅުލީ އުޅަނދު ޓޯކޮށްފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ބޮޑުތަކުރުފާނު މަގު ކަޅުތުއް ކަލާކޮށްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ހުސްކޮށް 84 އުޅަނދު މި ދެ ދުވަހު ވަނީ ޓޯކޮށްފައެވެ.
އަދި އަމީނީ މަގު ދަރުބާރުގެ އާއި ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އައިޖީއެމްއެޗް އާއި ހަމައަށް އަދި ބޮޑުތަކުރުފާނުމަގު ސެނެހިޔާއާއި ހިސާބުން ފެށިގެން މާގިރި ހޮޓާ އަދި އިއްޒުއްދީން މަގު ބަސް ސްޓޮޕް ހިމެނޭހެން 79 އުޅަނދު ޓޯކޮށްފައިވާ ކަމަށާއި އިއްޒުއްދީން މަގުން ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައްވެސް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ މާލެ ސަރަހައްދުގައި ދިމޭވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެެވެ.