ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާ، ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތަކެއް ކަމުގައި ފިޝަރީސް މިނިސްޓްރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރާ އީދަކަށްވާއިރު، ހދ. ކުޅުދުއްފުއްޓަކީ ވަރަށް ތަފާތުކޮށް ކޮންމެ އަހަރެއްގެ ވެސް އީދު ފާހަގަ ކުރާ ރަށެކެވެ. އެ ގޮތުން އެ ރަށުގެ މަށިމާލި ޕެރޭޑަކީ އެތައް ބައެއްގެ ސަމާލުކަން ހުއްޓޭ އެއް ހަރަކާތެވެ. އީދާ ދިމާކޮށް އެ ރަށުގެ ޒުވާނުން އިންތިޒާމްކޮށް ބާއްވާ މި ޕެރޭޑުގައި މިއަހަރުވެސް ވަނީ މި ދުވަސްވަރު އެންމެ ބޮޑަށް އާންމުންގެ ސަމާލުކަން ހުއްޓުނު، އަދި އެކަމަކަށް ފާޑުކިޔުން އަމާޒުވެ އެންމެ ހޫނުވެގެންދާ ބައެއް ކަންކަމާ ގުޅުން ހުންނަ މާލިތައް ދައްކާލާފައެވެ.
އެ ގޮތުން މި ފަހަރުގެ ޕެރޭޑުގައި އެންމެ ފާހަގަކޮށްލެވޭ ފުޅަނދުގެ ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދާއި، މިޔަރުގެ ހަމަލާގެ ވާހަކަތަކާއި، ހޫނު މޫސުމަށް ވުރެ ފިނި މޫސުމުގައި ކަރަންޓް ބިލު ބޮޑުވި މައްސަލަ ފާހަގަކޮށްލެވެއެވެ. މިއަހަރު ކުޅުދުއްފުށީގައި ބޭއްވި ޕެރޭޑުގައި އެންމެ ބޮޑު ސަމަލާކުމެއް މަސްވެރިންނަށް ވީ ވައުދަށް ހުއްޓިގެން ދިޔައިރު މިކަމާއި ގުޅޭ ގޮތުން މިނިސްޓަރު ދެއްވީ ވަރަށް 'ޕޮޒިޓިވް' ކޮމެންޓެކެވެ.
އެ ގޮތުން މިިނިސްޓަރު ޝިޔާމް ވިދާޅުވީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއްކަމަށެވެ. "ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާ، ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައި." ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ އަހަރުތަކާ އަލާ ބަލާއިރު، މި އަހަރު ސިޔާސީ ކަންކމުގައި ފާޑު ކިޔައިގެން ހަދާފައި ފުޅަނދުތައް މަދުކަން ފާހަގަކޮށްލެވެއެވެ.