ހުޅުމާލޭގައި ހިނގި މާރާމާރީއެއް ހިންގި މީހަކު، ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ފަތިހު 4:07 ހާއިރު ކަމަށެވެ. މާރާމާރީ ހިންގި ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރާ، ފިލުމަށް މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ކާރު ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު އެމީހާ ފިލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިތުރަށް ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސް މީހާއަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިއްޔެ އާއި މިއަދު މާލެ ސަރަހައްދުގައި ތިން މާރާމާރީއެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު، މި މާރާމާރީތަކާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.