ބްރިޖް މަތިން ދުއްވި ޕިކަޕަކަށް ގިނަ އަދަދެއްގެ ބަޔަކު އަރުވައިގެން ދުއްވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 5:17 ހާއިރު ބްރިޖް އެއާޕޯޓް ލައިޓް ކައިރިން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ އުޅަނދެއްގެ ފަހަތަށް ގިނަ ބަޔަކު އަރުވައިގެން ދިޔަ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ ޕިކަޕެއް ކަމަށާއި ނަމަވެސް އެ އުޅަނދުގެ ފަހަތުގައި ތިބީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ފަހުން މާލޭގައި ވެސް ފަހަތުގައި ގެގަނޑެއް ޖަހާ ހަދާފައި އޮތް ކުޑަ ޕިކަޕަކަށް ގިނަ އަދަދެއްގެ ބިދޭސީން އަރުވައިގެން ގޮސް ތަނަކަށް މަޑުކޮށް އެ ވެހިކަލުން ބިދޭސީންތައް ނިކުތް މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ޓިކްޓޮކްގައި އާންމުންގެ މީހަކު އާންމު ކުރި އެ ވީޑިއޯއިން ފެންނަ ގޮތުގައި 37 ބިދޭސީން އެ ޕިކަޕުން ފޭބި އިރު، ޑްރައިވަރު އިންނަ ބައިގައިވެސް 3 މީހަކު ތިބޭކަން ފާހަގަ ކުރެވެއެވެ. ބެލެވޭ ގޮތުގައި އޭގައި ތިބީ 40 ބިދޭސީންނެވެ. އޭގެތެރެއިން ބައެއް ބިދޭސީން ތިބީ މަސައްކަތުގައި ލައި އުޅޭ ސަލާމަތީ ވަސީލަތުގައި ގޮތުގައި ބޭނުން ކުރާ ޖެކެޓާއި ހެލްމެޓް ވެސް އަޅައިގެންނެވެ.