މިދިޔަ 2 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ 4 ފުރޮޅުލީ އުޅަނދު ފުލުހުން ޓޯކޮށްފި އެވެ.

އާއްމުންނަށް އުނދަގޫވާ ގޮތަށް ޕާކުރާ ވެހިކަލްތައް ފުލުހުން ޓޯކުރަން ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. އެގޮތުގެ މަތިން ފާއިތުވި ދެ ދުވަހުވެސް ވަނީ 163 އުޅަނދު ޓޯ ކޮށްފައެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ބޮޑުތަކުރުފާނު މަގު ކަޅުތުއް ކަލާކޮށްޓާ ހިސާބުން ފެށިގެން ފަތާ ޓްރެކާ ހަމައަށް ހުސްކޮށް 84 އުޅަނދު ޓޯ ކޮށްފައިވާ ކަމަށެވެ.

އަދި އަމީނީ މަގު ދަރުބާރުގެ އާއި ހިސާބުން ފެށިގެން ބޮޑުތަކުރުފާނުމަގު އައިޖީއެމްއެޗް އާއި ހަމައަށް އަދި ބޮޑުތަކުރުފާނުމަގު ސެނެހިޔާއާއި ހިސާބުން ފެށިގެން މާގިރި ހޮޓާ އަދި އިއްޒުއްދީން މަގު ބަސް ސްޓޮޕް ހިމެނޭހެން 79 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ. އަދި އިއްޒުއްދީން މަގުން ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައްވެސް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލޭ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށާފައި ވަނީ މާލެ ސަރަހައްދުގައި ދިމޭވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެެވެ.

ފުލުހުން ބުނީ ގަވައިދާ ހިލާފަށް މައިގަނޑު 6 ސަރަހައްދެއްގައި ޕާކްކުރޭތޯ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާނެ ކަމަށެވެ. އެގޮތުން މާލެ ބޭރު މަގު، އަމީނީ މަގު އަދި މަޖީދީ މަގު ފަދަ ބަސް ދަތުރުކުރާ މަގުތައް ބަލަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން ސްކޫލު އޭރިއާ، މިސްކިތްތައް އަދި ސަރުކާރު އޮފީސްތައް ހިމެނޭ ސަރަހައްދުތަަކުގެ އިތުރުން ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިނގަން ހާއްސަކޮށްފައިވާ ޕޭމެންޓުގައި 4 ފުރޮޅުލީ އުޅަނދު ޕާކުކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.