އަންނަ ހޮނިހިރު ދުވަހު ޖާމަނީގައި ފަށާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްތީއޯ) އިން އެސްޓީއޯ ޔޫރޯ ފޯރި 2024 ގެ ނަމުގައި އަގު ހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ، މި ޕްރޮމީޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގައި، މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭން ނިންމާފައިވާ އިރު، މި ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓާ ސިސްޓަމް, އަދި ހެޑްފޯން ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުން ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓާ އަށް ވެސް ޑިސްކައުންތް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯގެ ފިހާރަތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ.

އެގޮތުން ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ހޯމް ތިއޭޓާ ސިސްޓަމެއް ދޭނެ ކަމަށާއި ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް ދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެެވެ.

ކުއާޓަރ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް ދޭން ނިންމާފައިވާ އިރު، ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް 65 އިންޗީގެ ޓީވީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ބުރެއްގައި ވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.