ހިޔާ ފްލެޓްއަށް މީހުން ގެންގޮސް ފޭރިފައި ވަނީ އެ އެޕާޓްމެންޓުގައި ހަށިވިއްކާ ކަމަށް ބުނެ ކަމަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ހެޑް ރަޖްނީ ޝުއައިބު ވިދާޅުވެއްޖެއެވެ.
ރަޖްނީ ވިދާޅުވީ މި އަހަރު ތެރޭގައި ހިޔާ ފްލެޓް H5-3-18 އަށް އޮޅުވާލައިގެން މީހުން ގެންގޮސް ބްލެކްމެއިލް ކުރުމުގެ 5 މައްސަލައެއް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންއަށް ހުށަހެޅިފައިވާ ކަމަށެވެ. އެއީ ޖެނުއަރީ މަހު 1 މައްސަލަ، އޭޕްރީލް މަހު 3 މައްސަލަ އަދި މެއި މަހުގައި ހުށަހެޅި 1 މައްސަލަ ކަމަށެވެ.
މައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި މިކަން ހިންގާފައި ވަނީ ހިޔާ ފްލެޓް H5-3-18 އެޕާޓްމެންޓްގައި ދިރިއުޅޭ ބަޔަކާއި އަދި އެ އެޕާޓްމެންޓްއަށް ވަދެ ނުކުމެ އުޅޭ ބަޔަކު، ގުޅިގެން ކަމަށް އޭނާ ވޮދާޅުވިއެވެ. އަދި މި މައްސަލާގައި ހިމެނޭ ފަރާތްތަކަކީ ތަފާތު ކުށުގެ ރެކޯޑު އޮތް މީހުން ކަމަށާއި މައްސަަލައިގެ ތަހުގީގަށް އެ އެޕާޓްމެންޓް ބަލާ ފާސްކޮށް، މައްސަލައާ ގުޅުން ހުރި ހެކި ގަރީނާ ހޯދިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މި މައްސަލައާ ގުޅުން ހުރި ޖުމްލަ 7 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށާއި މިކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ 2 އަންހެނުންނާއި 5 ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ރަޖްނީ ވިދާޅުވިއެވެ.
މި މައްސަލާގައި ހައްޔަރު ކުރެވުނު ފަރާތްތަކަކީ:
- އާމިނަތު ހުމައިނާ ޒަކަރިއްޔާ، މ. ގޯނބިލިގަސްދޮށުގެ، ކ. މާލެ، (24 އަހަރު)
- އާޔަތު އައްބާސް، ދަފްތަރު ނަންބަރު ދރ. 1835، (30 އަހަރު)
- މުހައްމަދު އާދަމް، ޕެލަސް ހައުސް / ގއ. ދާންދޫ، (43 އަހަރު)
- ސަމާހު އަލީ، ގ. ކަނދަމާގެއާގެ / ކ.މާލެ، (31 އަހަރު)
- މުހައްމަދު މުނީރު، ސަންފްލާވާ / ދ. ކުޑަހުވަދޫ، (35 އަހަރު)
- އަހުމަދު މާޖިދު، ހިފާޒް / ނ. ވެލިދޫ، (33 އަހަރު)
- އަހުމަދު މަދީހު، މ. ސީނަރީވިއު / ކ. މާލެ، (34 އަހަރު)
މީގެ ތެރެއިން އަހުމަދު މަދީހު 15 ދުވަހުގެ ބަންދުގެ މުއްދަތުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައި ވާއިރު، އާމިނަތު ހުމައިނާއަކީ މާބަނޑު އަންހެނެއް ކަމަށް ވުމުން އޭނާ ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާ ކަމަށް ރަޖްނީ ވަނީ ވިދާޅުވެފައެވެ. އަދި ދެން ތިބި މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޖުނީ ވިދާޅުވީ މި ތަހުގީގެ ތެރެއިން ބަލަމުންދާ 5 ހާދިސާގައި ވެސް އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އާމިނަތު ހުމައިނާ އަދި އާޔަތު އައްބާސް ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ބަޔަކު ވެސް ތިބި ކަމަށާއި އެ މީހުން ހޯދާ ހައްޔަރުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.
މި އެޕާޓްމެންޓްއާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމުން އެތަނަށް މީހުން ގެނެސްފައި ވަނީ އެތަނުގެ ތެރޭގައި ފައިސާއަށް ހަށިވިއްކާކަން އިސްތިހާރުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަންހެނުންގެ ނަމުގައި އަސްލު ނޫން އައީޑީތަކެއް ހަދައިގެން ފިރިހެނުންނާ ގުޅުން އުފެއްދުމަށްފަހު ހަށިވިއްކާ ކަމަށް ބުނެ، އޮޅުވާލައިގެން އެ އެޕާޓްމެންޓްއަށް ގެންގޮސް ބިރު ދައްކާ، ޖިސްމާނީ އަނިޔާކޮށް، ރަހީނުކޮށް، އެމީހުން ބަރަހަނާކޮށް ވީޑިއޯ ކުރުމަށްފަހު، ބްލެކްމެއިލްކޮށް އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި މޯބައިލް ފޯނު ފަދަ ތަކެތި ފޭރިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޖުނީ ވިދާޅުވީ މި ބާވަތުގެ ވަރަށް ގިނަ މައްސަލަތައް ގިނަ ބަޔަކަށް ދިމާވެފައިވީ ނަމަވެސް އެ މީހުން އެ އެޕާޓްމެންޓްއަށް ގޮސްފައި ވަނީ، ގާނޫނާ ހިލާފު ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ކަމަށް ވުމުންނާއި އެ މީހުންގެ ބަރަހަނާ ވީޑިއޯ ލީކުކޮށްލަފާނެ ކަމުގެ ބިރު އޮތުމުންނާއި އަދި މި މައްސަލާފައި ހިމެނޭ ފަރާތްތަކަކީ ވައްކަމާއި މާރާމާރީއާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކެއް ކަމުގައިވާތީ އެ ފަރާތްތަކުގެ ކިބައިން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރަށްޓަކައި ވެސް މައްސަލަތައް ރިޕޯޓްނުކޮށް ހުރިކަން ފާހަގަ ކުރެވުފައިވާ ކަމަށެވެ.
މައްސަލަ ރިޕޯޓް ކުރި ފަރާތްތަކުން އެ އެޕާޓްމެންޓްއަށް ދިޔައީ ބިރުދައްކައިގެންނާއި ގަދަކަމުން ކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާންދީފައިވީ ނަމަވެސް އެ މީހުން އެ އެޕާޓްމެންޓްކަށް ގޮސްފައި ވަނީ އެ މީހުންގެ އަމިއްލަ އިހްތިޔާރުގައިކަން ފާހަގަ ކުރެވިފައިވާ ކަމަށް ރަޖުނީ ވިދާޅުވިއެވެ. އަދި އެކަން އެނގޭ ހިސާބުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.