މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 30 އަހަރުގެ ގދ. ހޯނޑެއްދޫ، ވިލިނގިލީގެ، ހައްމާދު ސައީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވާއިރު، އޭނާގެ ހަށިގަނޑަށް ޖިސްމާނީ ހާނިއްކައެއް ވެފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެގޮތުން ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގެ ކުރިމަތީގައި ހުންނަ ބަނޑޭރިކޮށީގެ އެޕާޓްމަންޓުތަކުގެ ތެރެއިން ތަނެއް ބަލައި ފާސްކުރުމުން، އުމުރުން 30 އަހަރުގެ ދިވެއްސަކު މަރުވެފައި އޮއްވާ ފެނުނު އިރު އެގޭގައި އިތުރު އެއްވެސް މީހަކު އުޅޭ ކަމުގެ ނިޝާނެއް ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޕޯސްޓްމޯޓަމްގެ ދާއިމީ ނަތީޖާ ނުލިބޭތީ މަރުވި ސަބަބު އަދި ނޭނގޭ ކަމަށެވެ.

ހައްމާދަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ މީހެކެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހައްމާދަށް މައާފު ދެއްވައި ދޫކޮށްލާފައެވެ.