މއ. ބޯޅަކިންކިރިމާގެ، އަހްމަދު އައިމަން (30އ) މަރުވެފައި އޮށްވާ ފެނުނު މ. ރަބީއުވިލާގޭގެ ޓިނު ނައްޓާލައިގެން ބަޔަކު އެގެއަށް ވަދެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުލުހުން ބުނީ އައިމަން އެންމެ ފަހުން ފެނިފައިވަނީ މެއި 18 ވަނަ ދުވަހުގެ ދަންވަރު ކަމަށާއި، އޭނާގެ އޮޓޮޕްސީ ހަދަން މެއި މަހުގެ 26 ވަނަ ދުވަހު ފޮނުވާލާފައިވާކަމަށެވެ. އެގޮތުން އޭނާގެ ހަށިގަނޑުގައި ޖިސްމާނީ އަނިޔާއެއް ނެތް ކަމަށާއި ދާއިމީ ނަތީޖާ އަދި ނުލިބޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފަޅަށް ހުރި ރަބީއުވިލާގޭ ތިރީ ފަންގިފިލާގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:20 ހާއިރުކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މިދިޔަ މެއި މަހު ވަނީ ދިވެއްސަކު ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގެ ތެރެއިން މަރުވެފައި އޮއްވާ އަދި އޭގެ ދެ ދުވަސް ފަހުން، ހުޅުމާލޭގައި ޕާކްކޮށްފައިވާ އުޅަނދެއްގެ ތެރޭގައި ބިދޭސިއަކު މަރުވެފައި އޮއްވާ ފެނިފައެވެ. މި ބިދޭސީ މީހާގެ މަރުގައި ޝައްކުކުރެވޭ ކަމެއް ނެތް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.