އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ދުއްވާ ވެހިކަލް އެއާޕޯޓުގައި އޮއްވާ ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކީ އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ފޭސް 2 ގެ އިންޗާޖު ރަޖްނީ ޝުއައިބު ވިދާޅުވީ މި ވެހިކަލް ވިލާ ޝެޑަށް ގެންގޮސް ނަންބަރު ޕްލޭޓު ބަދަލު ކޮށްފައިވާ ކަމަށާއި އެއަށްފަހު މާލެ ގެނެސް ބާއްވާފައި އޮތީ، ދަންވަރު 4:00 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގި ގެއެއްގެ ގަރާޖުގައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެ މީހުންނަކީ:
- އަހުމަދު ނިޒާމް (މ. މޮޑާމް ކ. މާލެ)
- އެމްއޭސީއެލްގެ މުވައްޒަފު މުހައްމަދު ހައިޝަމް
މީގެއިތުރުން މި ގަރާޖުން އިމިގްރޭޝަނުން ގެއްލުނު ވެހިކަލެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ މި ގަރާޖު ހިންގާ ފަރާތުގެ ނަމުގައި 100 ވެހިކަލް އޮތްކަމަށާއި އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލް ވެސް އޮތް ކަމަށެވެ.
މާލެ އާއި އަތޮޅުތަކުގައި ދުއްވާ ވެހިކަލްތަކުގެ ތެރެއިން 4 ފުރޮޅު ލީ ވެހިކަލް ވަގަށް ނެގުމަކީ އާންމު ކަމެއް ނޫނެވެ. ނަމަވެސް ވެހިކަލް އާ ގުޅޭ ވައްކަމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ. އެގޮތުން 2019 ވަނަ އަހަރު ލަކުޑި ކަމަށް ބުނެ ރާއްޖެއަށް އެތެރެ ކުރި 2 ކޮންޓޭނަރެއްގެ ތެރެއިން ވެހިކަލް ހުރި ކޮންޓޭނަރެއް އެޕްމީއެލް / ކަސްޓަމްސް ސަރަހައްދުން ވަގަށް ނަގައިގެން ގެންގޮސް ހުޅުމާލޭ ގާކޮށި ސަރަހައްދުގައި ފޮރުވާފައި ހުއްޓާ ވަނިކޮށް ފެނިފައި ވެއެވެ. އެއީ ކާރާއި ސައިކަލު ހުރި ކޮންޓޭނަރެއް ކަމަށާއި އެތަކެތި ފެނުނީ އެ އަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ކަމަށް އޭރު ރިޕޯޓު ކޮށްފައި ވެއެވެ. އެއީ 3 ކާރާއި 2 ޕިކަޕާއި 2 ވޭން ގެ އިތުރުން 14 ސައިކަލެވެ
އެ މައްސަލަ އާ ގުޅިގެން އޭރު ކަސްޓަމްސްގެ 2 އޮފިސަރަކު ސަސްޕެންޑް ކޮށް މައްސަލަ ބަލާ ކަމަށް ބުނި ނަމަވެސް ފަހުން އެ މައްސަލައަށް ވީގޮތެއް އެނގިފައެއް ނުވެއެވެ. ޖުމްލަ 586،000 ރުފިޔާގެ ވެހިކަލް އޭރު ފެނުނެވެ. އޭގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 ރުފިޔާ ލިބެން ޖެހޭނެ ކަމަށް ވެސް އޭރު ރިޕޯޓު ކުރިއެވެ.