ކ. ދިއްފުށީގައި އަލަށް ގާއިމްކުރާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ އިންޖީނުގެއަކަށް ކަމަށާއި، މި މަސައްކަތް ބުރޫ ނާރާ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ދެއްވައިފިއެވެ.

ފަހުމީ މި ޔަގީންކަން ދެއްވާފައި ވަނީ ކ. ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމަށާއި އާ އިންޖީނުގޭގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ދިއްފުށީގައި މިހާރު ހިދުމަތް ދެމުންދާ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ކަމުން ރައްޔިތުންނަށް އެކަމުގެ ސަބަބުން އުނދަގޫވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އުނދަގޫ ނުވާނެ ސަރަހައްދެއްގައި އަލަށް ގާއިމް ކުރާ މި އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ހިދުމަތްތައް ހިމެނޭ އިންޖީނުގެއެއް ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި މަޝްރޫއުއަކީ ސީދާ ސްޓެލްކޯގެ ހަރަދުގައި ކުރިއަށްދާ މަޝްރޫއުއެއް ކަމުން، މަޝްރޫއު ކުރިއަށްގެންދިއުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި، ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލު އޮންނާނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި ދިއްފުށީ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ކަރަންޓުގެ ހިދުމަތަކީ ދިއްފުށި ފަދަ ލޯކަލް ޓުއަރިޒަމް ކުރިއަރަމުންދާ ރަށަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި، އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދިއްފުށީގެ އާ އިންޖީނުގޭގެ މަސައްކަތް ނިމި، ވަރަށް އަވަހަށް އެ އިންޖީނުގެއިން ހިދުމަތްދޭން ފެށޭނެ ކަމުގެ އުންމީދު ކުރައްވާ ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.

ކ. ދިއްފުށީގައި އަލަށް ގާއިމްކުރާ އިންޖީނުގެ އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ

ދިއްފުށީގައި މިއަދު ބިންގާ އެޅި އިންޖީނުގެއަކީ ޒަމާނީ ހިދުމަތްތައް ދިނުމަށް އެކަށޭނަ މިންގަނޑުތަކަށް ފަރުމާކޮށް، ދުރު ރާސްތާގައި އެ ރަށަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެގެންދާ ނިސްބަތުން ހިދުމަތް ފުޅާކުރެވޭނެ ފަދައިން ގާއިމްކުރަން ނިންމާފައިވާ އިންޖީނުގެއެކެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުހައްމަދު ލަތީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ދިއްފުށީ އާ އިންޖީނުގޭގެ މަސައްކަތް މިނޭއިރު އެ ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި އޮފީސް އިމާރާތެއް ގާއިމްކުރާނެއެވެ.

މިއަދު ދިއްފުށީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ހަވާސާގައި ސްޓެލްކޯއިން ވަނީ އެ ރަށުގައި 1000 ގަސް އިންދާފައެވެ. މިއީ ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މި އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ސްޓެލްކޯއިން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި މަޝްރޫއުގެ ތެރެއިން ކުރިއަށްއޮތް ފަސްއަހަރު މަދުވެގެން 500،000 ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ އަމާޒު ހިފާފައެވެ.