އެސްޓީއޯ މުވައްޒަފުން ފަލަސްތީން ފަންޑަށް 3 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ފައިސާ ހަދިޔާކޮށްފައި ވަނީ މިއަދު ހެނދުނު 08:00 އިން ރޭގަނޑު 00:00 އަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ޕީއެސްއެމުން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ޓެލެތޯންގައެވެ.
މި ޓެލެތޯންއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ސަރުކާރު ހިއްސާވާ އެސްޓީއޯ މުވައްޒަފުން ބޮޑުއެހީއެއް ދީފައި ވާ އިރު އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ހެޑް އޮފީހުގައި ފަލަސްތީނަށް އެހީވުމަށް ފަންޑު ފޮށި ބަހައްޓައިގެން ދަނީ އެހީ ހޯދަމުންނެވެ.
މާލެ ސަރަހައްދުގެ އިތުރުން އެސްޓީއޯއިން އަތޮޅު ތެރޭގައި ހިންގާ ފާމަސީ ތަކުގެ މުވައްޒަފުންވެސް ދަނީ މިހަރަކާތުގައި ބައިވެރިވަމުންނެވެ.
އެސްޓީއޯއަކީ މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ކުރިންވެސް އެސްޓީއޯ ގްރޫޕްގެ ފަރާތުން ވަނީ ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް 1 މިލިއަން ރުފިޔާ ހަދިޔާ ކޮށްފައެވެ.
ފަލަސްތީނަށް އެހީވުމަށް މާލޭގެ 13 ސަރަހައްދުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާ އިރު، ފޮށިތައް ގުނަން ފަށާނީ މިއަދު އިރުއޮއްސި 18:00 ގައެވެ. އަދި ޓީވީއެމްގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ފަންޑު ފޮށި މިރޭ 22:00 އާ ހަމައަށް ހުޅުވާފައި ބަހައްޓަން ވަނީ ނިންމައިފައެވެ.
ފޮށިތައް ކައިރިއަށް ނުދެވޭ މީހުން ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުގެ ލާއިންސާނީ ހަމަލާތައް ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާއިރު މިހާތަނަށް ފަލަސްތީނުގެ 37،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް، 80،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.