މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑު (މޯލްޑިވް ގޭސް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ ޝަރީއަތްތަކުގެ އަޑު އެހުންތައް ކެންސަލްކޮށްފިއެވެ.
މިއަދު ހެނދުނު 10:00 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 7 މައްސަލަ ކެންސަލްކޮށް ކްރިމިނަލް ކޯޓުން ވަނީ މިއަދުގެ މައްސަލަތަކުގެ ޝެޑިއުލް އަލުން އާންމުކޮށްފައެވެ. ސިއްރު އަޑު އެހުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ އެ އަޑުއެހުންތައް ކެންސަލްކުރި ސަބަބު ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު މޯލްޑިވް ގޭސްގެ މެނޭޖީން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެޕްރީލް 18، 2024 ގައެވެ. އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ތުހުމަތުކޮށް ރިޝްވަތު ގަބޫލުކުރުގެ 7 ދައުވާއެއް ވަނި އުފުލާފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ތާވަލުކޮށް ދިނުމަށް ޕީޖީއިން ކޯޓުގައި އެދިފައިވާއިރު، މައުމޫން މިހާރު ދިރިއުޅެމުން ދަނީ ރާއްޖެއިން ބޭރުގައެވެ. އެހެންކަމުން ޕީޖީއިން ވަނީ އޭނާ ޝަރީއަތަށް ހާޒިރުވާން އިންކާރުކޮށްފި ހާލަތެއްގައި ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެދިނުމަށްވެސް ކޯޓުގައި އެދިފައެވެ.