ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން ކަމަށްވާ، އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި ބޭއްވާ ރަންގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ބައިވެރިވެވޑައިގަތުމަށް އުރީދޫ އިން ދައުވަތު ދީފިއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ މީގެ ކުރިން ވިދާޅުވީ އުރީދޫ ފަން ރަން 2024 އަށް ލ. އަތޮޅު އިހުތިޔާރުކުރީ ހަމައެކަނި ދުވަން ނޫން ކަމަށާއި އެއީ ގައުމުގެ ތަފާތު ރީތިކަމާއި ތަފާތުކަން ގަބޫލުކުރުމަށް ކަމަށެވެ. އަދި ލ. އަތޮޅުގެ ހިތްގައިމު މުޖުތަމައުއާ ގުޅިގެން ދެމެހެއްޓެނިވި ހަނދާންތައް އެކުގައި އުފެއްދުމަށް އުއްމީދު ކުރާ ކަމަށް ހާލިދު ވިދާޅުވިއެވެ.

އުރީދޫ ފަން ރަން 2023 ގައި 6000 ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރު 22، 2023 ވީ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެންގޮސް ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ހިމެނޭ ގޮތަށެވެ.

އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައު ގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ. އުރީދޫއިން ބުނީ އަންނަ މި އަހަރުގެ ފަން ރަން ލާމުގެ އިތުރުން ހުޅުމާލޭގައިވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.