ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ހާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހައްޖުވެރިންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ރައީސް ޑރ. މުއިއްޒު އަދި ‏އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ވަނީ ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހައްޖު މިޝަން އިން ބުނީ ހައްޖާޖީންގެ ފުރަތަމް ގްރޫޕް ސައުދީ އަރަބިއްޔާ އަށް މިދިޔަ މެއި މަހު 31 ގައި ފުރާފައިވާކަމަށެވެ. އެ ގްރޫޕްގައި ޖުމްލަ 298 ހައްޖާޖީން ފުރާފައިވާއިރު ދެވަނަ ގުރޫޕް މި މަހުގެ 3 ވަނަ ދުވަހު ވަނީ ފުރާފައެވެ. އެ ގުރޫޕުގައި ހިމެނެނީ 353 ހައްޖާޖީންނެވެ. އަދި ތިންވަނަ ގުރޫޕު މި މަހުގެ 7 ވަނަ ދުވަހު ފުރާފައިވާއިރު 339 ހައްޖާޖީން ވަނީ ގޮސްފައެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ހައްޖުގެ އަޅުކަމަށް ފުރާނެއެވެ. ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދޭ 1،000 ހައްޖު ކޯޓާ މިފަހަރު ސަރުކާރުން ދީފައި ވަނީ ހައްޖު ކޯޕަރޭޝަން އަށް އެކަނިއެވެ.

އެގޮތަށް ނިންމާފައިވަނީ ވަރަށް ގިނަ ޖަމާއަތްތަކުން މީހުން އަތުން ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކަމަށް އިސްލާމިން މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.