ހާފިޒުންނަށް ދޭ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި 16، ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އެއީ ސިޔާސަތަކީ، ހާފިޒުންގެ އިނާޔަތް ވެސް ދެގުނައަށް ބޮޑުކުރެވިގެން ދާނެ،" ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.

އަދި ޖުލައި މަހު އެކަން ތަންފީޒު ކުރާނެކަން އިއުލާންކޮށްފައިވާއިރު އިސްލާމިކް މިނިސްޓްރީން ބުނީ، ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސުލްޖުމުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތައް ހާފިޒުންގެ އެލަވަންސް މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ދެމުން ދިޔަ 2،000 ރުފިޔާގެ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށް، މިއަދު ހާފިޒުންނަށް އެ އެލަވަންސް ޖަމާކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގެ އިތުރުން ސަރުކާރުން އަމާޒު ހިފާފައިވަނީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުމެވެ. ރާއްޖޭގައި ތިބި ގުރުއާން ހިތުދަސް ހާފިޒުންގެ އަގުވަޒަންކޮށް އިސްލާމް ދީނަށް ދިވެހީންގެ ހިތުގައި ލޯބި އުފެއްދުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ.