އއ. ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކާ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން 8 މީހުން ހައްޔަރުކޮށްފައި ވާއިރު، ފުލުހުން ބުނީ މި މައްސަލައާ ގުޅުގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

އެ ރަށުގެ ދަނޑުބިން ދޫކުރާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ބައެއް ދަނޑުވެރިން ހިތްހަމަނުޖެހުން ފާޅުކޮށް މި މަހުގެ 5 ވަނަ ދުވަހު ވަނީ އެރަށު ކައުންސިލް ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. އަދި އެ ދުވަހު ފުލުހުންނާއި އާންމުންނާ ހިނގި ކުރިމަތިލުމެއްގައި ފުލުހަކަށް އަނިޔާވެ ފަރުވާވެސް ދީފައި ވެއެވެ.

އެކަމާ ގުޅިގެން ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް އޭރު ވިދާޅުވީ، ކައުންސިލުން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ލޭންޑް ޔޫޒް ޕްލޭނާއި، ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގެ ތެރެއިން ބިމެއް، 15 އަހަރުގެ މުއްދަތަށް ދޫކުރަން ފާސްކުރި ކަމަށެވެ.

ނަމަވެސް "އެ މަރުހަލާއެއް ނިމިފަ އޮއްވާ ބިން ދޫކުރާ ހިސާބަށް ދިޔަ ތަނުން ރަށުތެރޭގެ މަދުބަޔަކު ނުކުމެ މުޒާހަރާކޮށް ޑިމާންޑުކުރަނީ، އަލުން ވޯޓަކަށް ދާން އެ މީހުން ބޭނުމެއް ނުވެޔޭ ދިގު މުއްދަތަކަށް،" ކަރަމް ވަނީ ވިދާޅުވެފައެވެ.

ދަނޑުވެރިން ތުހުމަތުކުރާ ގޮތުގައި ރަށުގެ ދަނޑުބިންތައް ދަނޑުވެރިން އަތުން ކައުންސިލުން އަތުލަން ވަނީ ނިންމާފައެވެ. ތޮއްޑޫގެ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ، 3 މަސްވެގެން ދިޔައިރު ވެސް ކައުންސިލުން ބިންތައް ދޫކޮށްފައި ނުވާ ކަމުގެ ތުހުމަތު ވަނީ މުޒާހަރާގެ ބައިވެރިން ކޮށްފައެވެ.