އއ. ތޮއްޑޫގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް ދެ ދުވަސް ޖަހައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އއ. ތޮއްޑޫ ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ އެ ރޭ 9:29 ހާއިރު ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު ދާދިފަހުން އެ ރަށުގައި ވަނީ ދަނޑުބިންތަކުގެ މައްސަލައިގައި މުޒާހަރާވެސް ކޮށްފައެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ މައްސަލައާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.