އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއި ކޮށްފައިވާ މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުއެވެ. އަދި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ސާމިހު އާދަމް އެވެ.
މި އެއްބަސްވުމަކީ ރާއްޖޭގައި ސިނާއީ ފެންވަރެއްގައި ފެހުމުގެ މަސައްކަތް ތަރައްގީކުރުމަށާއި ކުދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ބީސީސީ އިން ކުރަމުންދާ މަސައްކަތްތަކަށް ފަހި ކަމެއް ގެނެސްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.
ބީސީސީ އިން ބުނީ މި އެއްބަސްވުމާއެކު ރާއްޖެއަށް އެތެރެކުރާ މުދަލަށް ބަރޯސާވުން ކުޑަކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކުރެވޭނެ ކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި އިގުތިސާދީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހި ކުރުން ވެސް ހިމެނޭ ކަމަށެވެ.
ބީސީސީ އިން ބުނީ މި ގާމެންޓް ފެކްޓްރީ އާއެކު މުޅި ރާއްޖޭގެ އިގުތިސާދަށް އެއިން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. މި ފެކްޓްރީ އަކީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާ އިން ތަރައްގީ ކުރާ ފެކްޓްރީ އެކެވެ.