މާލީ ކުށްތަކާބެހޭ މައުލޫމާތު ދޭދޭ ގައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވޯކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް (އެގްމޮންޓް ގްރޫޕް) ގެ މެންބަރުކަން ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިއްޖެއެވެ.

ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެގްމޮންޓުގެ މެންބަރެއްގެ ގޮތުގައި ހަމަޖައްސާފައި މި ވަނީ މި މަހުގެ 2 ވަމަ ދުވަހުން ފެށިގެން ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، އެގްމޮންޓް ގުރޫޕްގެ މެންބަރަކަށް ވުމަށް އެފްއައިޔޫ އިން އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 2017 ވަނަ އަހަރުގައި ކަމަށެވެ. އަދި މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައި ވަނީ ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.

އެގްމޮންޓްގްރޫޕުގެ މެންބަރަކަށް ވުމުން، އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިއްމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެން ދާނެއެވެ.

އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އެމްއެމްއޭ އިން އަދި ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިއްމު މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.