ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި، ސަދާ ސައުދުﷲގެ މަރުގެ މައްސަލާގައި، ގެއްލުމުގެ ބަދަލު ހޯދަން އާއިލާއިން ކުރާ ދައުވާ، ކޯޓުން ބޭރުގައި ހައްލުކުރުމާ މެދު ގޮތެއް ނިންމަން ސިވިލް ކޯޓުން ފުރުސަތު ދީފިއެވެ.

ސަދާ ސައުދުﷲ މަރުވީ ބަނޑަށް ތަދުވެ، ހޮޑުލެވޭތީ އެ ރަށު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް 3 އޮކްޓޫބަރު 2021 ގައެވެ. ސަދާގެ މަރާ ގުޅިގެން އާއިލާއިން ތުހުމަތުކުރަނީ ސަދާ މަރުވީ ހޮސްޕިޓަލުން ނުބައި އިންޖެކްޝަނެއް ޖެހުމުންކަމަށެވެ.

ސަދާގެ މަރުގެ މައްސަލައިގައި އިހުމާލުވެފައިވާ ޑޮކްޓަރުންނާ ނަރުހުންނަށް ކުރާ މަދަނީ ދައުވާ ފުރަތަމަ އަޑުއެހުން މިއަދު ސިވިލް ކޯޓުގައި ބާއްވާފައިވާއިރު މިއަދު ބޭއްވި އަޑުއެހުމުގައި ސަދާގެ މައިންބަފައިންގެ ވަކީލު ވަނީ އެ މައްސަލާގައި އިހުމާލުވެފައި ވާކަމަށް ދައުލަތުން އެއްބަސްވާނަމަ ގެއްލުމުގެ ބަދަލުގެ މިންވަރާ ގުޅިގެން ކޯޓުން ބޭރުގައި މަޝްވަރާ ކުރަން ތައްޔާރުކަމަށް ބުނެފައެވެ.

އެ ހުށަހެޅުމާއި ގުޅިގެން، ވެރިންނާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމަން ފުރުސަތެއް ދިނުމަށް ދައުލަތުން އެދުމާ ގުޅިގެން ސިވިލް ކޯޓުން ވަނީ އެކަމަށް ދެ ދުވަހުގެ މުއްދަތެއް ދީފައެވެ.