އެމްޑަބްލިޔުއެސްސީގެ ގޯތިތެރޭ ހުރި ނަރުތަކެއް ވަގަށް ނެގި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާ، 43 އަހަރުގެ މީހެކެވެ. މި ދެމީހުންގެ ބަންދަށްވެސް ކޯޓުން 15 ދުވަސް ޖަހާފައިވާ އިރު މި މައްސަލައާއި ގުޅިގެން މީގެ ކުރިންވެސް ވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރުކޮށްފައެވެ. އެމީހާގެ ބަންދަށް ކޯޓުން 5 ދުވަސް ދީފައިވާއިރު ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ ފުލުހުން ސީނަށް ދިޔަ ހާދިސާ ރިޕޯޓު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނާގޮތުން އެމްޑަބްލިޔުއެސްސީގެ ގޯތިތެރޭ ހުރި ނަރުތައް ވަގަށް ނަގަން އޭނާ އުޅުނުކަމުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވޭކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް 3 މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލެއެވެ. އެ ގޮތުން މިހާތަނަށް 1573 މައްސަލަ ހުށަހަޅާފައިވާއިރު ނިމިގެން ދިޔަ މެއި މަހު އެކަނިވެސް 333 މައްސަލަ ވަނީ ހުށަހަޅާފައެވެ.