އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ކެންސަރުގެ އިތުރު ފަރުވާއަށް އެޑްމިޓް ވެވަޑައިގެންފިއެވެ.
އެކަން ހާމަކުރައްވައި ރަމީލާ ވިދާޅުވީ އަނެއްކާވެސް އިތުރު ސާޖަރީއަކާއި ކީމޯތެރަޕީ އަދި އިމިއުނޯތެރަޕީއަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށާއި މެޓަސްޓޭޓިކް ސީރަސް ޕެޕިލަރީ ކާސިނޯމާއަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހަ މަސްވެފައިވާ ކަމަށެވެ. އަދި ރަމީލާ ވަނީ ކެންސަރުގެ އެ ދަތުރަކީ ދިރިއުޅުން ކުރިއަށް ގެންދަން ފަސޭހަ ދަތުރެއް ނޫން ކަން ފާހަގަ ކުރައްވާފައެވެ.
މެޓަސްޓޭޓިކް ކެންސަރަކީ ހަށިގަނޑުގެ އެއް ގުނަވަނުން އަނެއް ގުނަވަނަށް ފެތުރޭ ކެންސަރަކަށް ވާއިރު ރަމީލާ ފަރުވާ ހޯއްދަވަމުން ގެންދަވަނީ ކޮން ގުނަވަނަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.
މަގާމާ ހަވާލުވެވަޑައިގެން މާ ގިނަ ދުވަސްތަކެއް ނުވެ، މިިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ރަމީލާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއެވެ. އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ރަމީލާ ވިދާޅުވީ އޭނާއަށް ކެންސަރު ޖެހިފައިވާތީ އެޗްއައިޕީއީސީ ކީމޯ އާއި ރޭޑިއޭޝަންގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ކަމަށެވެ.
ފަރުވާއަށް ފަހު މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ރަމީލާ ވަނީ އެނބުރި އޮފީހަށް ވަޑައިގެން އެ ދުވަހުގެ ކެބިނެޓްގެ ބައްދަލުވުމުގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. އެއަށްފަހު އެކި އެކި ރަސްމިއްޔާތުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުންގައި ވެސް ރަމީލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޑރ. ރަމީލާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރަޖިސްޓްރާކަން ވެސް ކުރައްވައިފައި ވާ ބޭފުޅެކެވެ. ރަމީލާ ފުރަތަމަ ފަރުވާއަށް ފުރާވަޑައިގަތުމުން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ނަމަވެސް މި ފަހަރު އަދި ވަކި ބޭފުޅަކާ ހަވާލެއް ނުކުރެއެވެ.