ލިބިފައިވާ އިލްމާއި ފަންނީ ހުނަރުން، ގައުމަށް ކޮންމެވެސް ހިދުމަތެއް ކުރުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ގައުމީ ވާޖިބެއް ކަމުގައި ދެކިވަޑައިގަތުމަށް ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ.

ނައިބު ރައީސް މިފަދައިން އިލްތިމާސްކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި އެ ޔުނިވާސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމުގެ ކަންކަމަށް ހާއްސަ އިސްކަމެއް ދެއްވަވާ ކަމަށާއި ސަރުކާރުގެ އެއް އަމާޒަކީ މަތީ ތަޢުލީމު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ދެނެގަނެ ދަރިވަރުންނަށް ލުއިފަސޭހަތަކެއް ހޯދައިދެވޭނެ މަގުތައް ފަހިކޮށްދިނުން ކަމަށެވެ.

ދަރިވަރުން ދަސްވެނިވުމަށްފަހު ކޮންމެ މައިދާނެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި މުޖުތަމައުގެ ހަމަޖެހުމަށް މަސައްކަތް ކުރުމަކީ އެންމެ އިސް ވާޖިބެއްކަމުގައި ދެކެންޖެހޭ ކަމަށާއި އިލްމީ ދިރާސާތައް ކުރުން ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުގެ މުހިންމު ކަމަށެވެ.

ރޭ ގެ އެ ހަފްލާގައި ދަސްވެނިވި ބައެއް ދަރިވަރުންނަށް ސަނަދާއި އެ ދަންފަޅީގެ ހާއްސަ އެ ވޯޑުތައް ނައިބު ރައީސް ވަނީ ހަވާލުކޮށްދެއްވާފައެވެ.