ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް އެދި ފޯމު ހުށަހަޅަން ހަމަޖެހިފައިވަނީ ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހުގައެވެ.

މި ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ހިއުމަން ރައިޓްސް ކޮމިޝަންގައި 5 މެމްބަރުން ތިއްބަވައެވެ. އެގޮތުން މި ވަގުތު އެ ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރްޔަމް މުނާ، ކޮމިޝަނާ މުއުމިނާ ވަހީދު، ކޮމިޝަނާ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި ކޮމިޝަނާ ސަމާއު އަހުމަދު ނަޖީބެވެ.

ހިއުމަން ރައިޓްސް ކޮމިޝަނަކީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.