ދެ މިނިސްޓްރީ އަކަށް ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ޕާމަނަންޓް ސެކްރެޓެރީން އައްޔަން ކުރި ދެ މިނިސްޓްރީއަކީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އާއި ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީއެވެ.
އެގޮތުން ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހިންނާ ހާލިދުއެވެ. ހިންނާ އަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ. އަދި ހަމަ އެހެންމެ އޭނާ ވަނީ 2009 ވަނަ އަހަރު މާލޭ ސިޓީ ކައުންސިލުގެ ޒިންމާދުރު ވެރިޔާގެ މަގާމުވެސް އަދާ ކުރައްވާފައެވެ.
އޭރު ހިންނާ އެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި އިތުރު ގަޑީގެ ފައިސާ ހޯއްދަވަން މަސައްކަތް ކުރައްވާފައިވާ މައްސަލައެއް އޭސީސީން ވަނީ ބަލާފައެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޒުލައިހާ ރަފީއު އެވެ. އެކަމަށް ހާއްސަ ރަސްމިއްޔާތެއް ސިވިލް ސާވިސް ކޮމިޝަނުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި މި ދެ ބޭފުޅުންނަށްވެސް މަގާމުގެ ލިޔުން ހަވާލުކޮށްފައިވާއިރު މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އެވެ.