މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް" ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މި ޕްރޮގުރާމުގެ ދެވަނަ ބެޗު ފަށާފައި ވަނީ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިންގެ ގޮތުގައި 43 ޒުވާނުން ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި ގްރެޖުއެޓުވެފައެވެ. އަދި އެހުރިހާ ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައި ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. ދެވަނަ ބެޗުގައި ޖުމްލަ 60 ޒުވާނުން ބައިވެރިވާއިރު އޭގެ ތެރެއިން 43 ޒުވާނުންނަކީ ސްކޫލަށް ފަހު ކެރިއަރު ފަށާ އެޕްރެންޓިސްތައް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

މެރިއޮޓް އިންޓަނޭޝަލްގެ ދެވަނަ ބެޗްގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ. މި ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާއިރު ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3ގެ ލިބިގެންދާނެއެވެ.

މި ޕްރޮގުރާމުގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުގުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.

އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން މެރިއޮޓް އިންޓަރނޭޝަނަލްއިން ރާއްޖޭގައި ހިންގާ 7 ރިސޯޓެއްގައި ޒުވާނުން ތަމްރީނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، ދަ ރިޓްސް ކާރލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް، ދަ ވެސްޓިން މިރިއަންދޫ ރިސޯޓްސް، ޑަބްލިއު މޯލްޑިވްސް، ލެ މެރިޑިއަން ރިސޯޓް އެންޑް ސްޕާގެ އިތުރުން ޖޭ ޑަބްލިއު މޯލްޑިވްސް، އާއި އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓެވެ.

އެގޮތުން 5 އަހަރު ދުވަހަށް ބަހާލައިގެން ތަފާތު 9 ދާއިރާއަކުން ޒުވާނުން ތަމްރީން ކުރުމަށް ޖުމްލަ 250 ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ދިނުމަށް ވަނީ ނިންމާފައެވެ.