ސްކޭމްގެ ޝިކާރައަކަށްވަމުންދާ އާންމުން މަދުކުރުމަށް 'ސްކޭމް ސެންޓާ' އެއް ގާއިމް ކުރުން ހިމެނޭހެން ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކޮށްފިއެވެ.
މި ޕްލޭން އިފްތިތާހު ކޮށްދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
މި ޕްލޭން އާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ހާސިލްވެގެންދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި:
މަސްތުވާތަކެއްޗާއި ގޭންގު ވައިލެންސާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ގާއިމުކުރެވިގެންދިއުން ހިމެނެއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން ނެއިބާހުޑް ޕޮލިސިން އިތުރަށް ތަރައްގީކުރުމަށްޓަކައި ލޯކަލް ޕޮލިސިން ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުމުގެ މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މުސްތަގުބަލަށް ފޯކަސްކުރާ އަދި އަދި ޑޭޓާ ޑްރައިވަން ޕޮލިސިން ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމުކުރުމާއި އާބަން ސެންޓަރުތަކުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތާއި ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާއި ލީޑާޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއާ ތަމްރީނު ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތުގެ އިތުރުން ޕޮލިސިން ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވާނަންސް އަދި ޑިސިޝަން މޭކިން ނިޒާމުގައި މި ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތްފެށުމަށްވެސް ވަނީ ނިންމާފައެވެ.
އަދި ހަމައެހެންމެ ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި، އިސްކަންދޭނެ މުހިންމު ފަސްކަމެއް ފާހަގަކޮށްފައިވާއިރު އެކަންކަމަކީ:
- ކޮމްބޭޓިން ކްރިމިނަލް ތްރެޓްސް: ދިވެހި ގައުމަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒީ އަދި ސަރަހައްދީ ގާބިލުކަން ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ހަރަކާތްތެރިވެ، ގޭންގު މާރާމާރީތައް ހުއްޓުވައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ހޯދައި އަދި ހިއުމަން ޓްރެފިކިން، ވައްކަން، ފޭރުން، މަކަރާއި ހީލަތް، ޓްރެފިކް ގަވާއިދާ ހިލާފުވުން، ސައިބާ ކްރައިމް، ޓެރަރިޒަމް، ވައިލެންޓް އެކްސްޓްރީމިޒަމް، ގެވެށި އަނިޔާ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން ޕަބްލިކް ޑިސްއޯޑާ ހިމެނޭހެން ރަައްޔިތުންގެ އިތުބާރު އުފެއްދުމަށް މުޖުތަމައާ ގުޅިގެން، ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުމެވެ.
- ޕްރިއޯރަޓައިޒިން ކޮމިއުނިޓީ އެންގޭޖްމަންޓް އެންޑް ޕޮލިސިން: ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކޮމިއުނިޓީ ޕޮލިސިން މޮޑެލްއެއްގެ ތެރެއިން ފުލުހުންގެ ހިދުމަތް އިތުރަށް ތަރުތީބުކޮށް މަސައްކަތްކުރުމެވެ.
- މޮޑަނައިޒިން އެންޑް އަޕްގްރޭޑިން ޕޮލިސް އިންފްރާސްޓްރަކްޗާ އެންޑް ޕްރެކްޓިސް: ސްޓްރެޓެޖިކް އިންވެސްޓުމަންޓުތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހިދުމަތުގެ ފެންވަރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ ފިޒިކަލް އިންފްރާސްޓްރަކްޗާ، ޓެކްނޮލޮޖީ، އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަގުފަހިކޮށްދޭނެ ދިގުރާސްތާ ޕްލޭނެއް އެކުލަވައިލާ ތަންފީޒުކުރުމާއި ފުލުހުންގެ ހިދުމަތުގެ ތެރޭގައި ހުރި ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ޑިޕާޓްމަންޓުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ސަގާފަތެއް އުފެއްދުން.
- ފޮސްޓަރިން އިފެކްޓިވް ގަވާނެންސް އެންޑް ލީޑާޝިޕް ޑިވެލޮޕްމަންޓް: ފުލުހުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި އެތެރޭގައި ގާއިމުކުރެވިފައިވާ ޑިޕާޓްމަންޓުތަކާއި، ސިސްޓަމްތަކާއި، ޕްރޮސެސްތަކާއި ގަވާއިދުތަކާއި، ޕޮލިސީ އަދި ޕްރޮސީޖާތައް، ރިވިއުކޮށް ރަނގަޅުކުރުމަށް އިސްކަންދީ، ކޯ ޕޮލިސިން ފަންކްޝަންތައް އަދި ހުރިހާ ލެވެލްއެއްގައި ލީޑާޝިޕް އެޕްރޯޗް ހަރުދަނާކޮށް، ހުނަރުވެރި ގާބިލު ދުޅަހެޔޮ މުވައްޒަފުން ބިނާކޮށް ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުން.
- އެންޝުއަރިން އެކައުންޓެބިލިޓީ އެންޑް އެތިކަލް ކޮންޑަކްޓް: ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ ހިދުމަތަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތަކަށް ހަދައި، ނަޒާހަތްތެރިކަމުގެ ސަގާފަތެއް އުފެއްދުން.
މި ރަސްމިއްޔާތުގައި، ކޮމިޝނާ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރަ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން އެހެނިހެން ފުލުހުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.