މިދިޔަ އެޕްރީލް މަސް ނިންމާލި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 622.07 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މާޗް މަސް ނިންމާލި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 541.76 މިލިއަން ޑޮލަރު ކަމަށް ބުނާ އިރު އޭޕެރިލް މަސް ނިމުނު އިރު އެ އަދަދު މި ވަނީ 622.07 މިލިއަން ޑޮލަރަށް މަތިވެފައެވެ.
މިއާ އެކު އެއް މަސް ދުވަހުގެ ތެރޭގައި ރިޒާވަށް މި ވަނީ 80.31 މިލިއަން ޑޮލަރު އިތުރުވެފައެވެ. ވޭތުވެދިޔަ ހަ މަސް ދުވަހަށް ބަލާއިރު މާޗް މަހަކީ މި އަހަރު ތެރޭ ދައުލަތުގެ ރިޒާވުން އެންމެ ބޮޑަށް ދަށް ވި މަސް ކަމަށް އެ ހިސާބުތަކުން ދައްކައެވެ.
ވޭތުވެ ދިޔަ ހަ މަސްތެރޭ ދައުލަތުގެ ރިޒާވް:
- ނޮވެމްބަރު: 581.17 މިލިއަން ޑޮލަރު
- ޑިސެމްބަރު: 590.52 މިލިއަން ޑޮލަރު
- ޖެނުއަރީ: 551.08 މިލިއަން ޑޮލަރު
- ފެބްރުއަރީ: 588.82 މިލިއަން ޑޮލަރު
- މާޗް: 541.76 މިލިއަން ޑޮލަރު
- އޭޕްރިލް: 622.07 މިލިއަން ޑޮލަރު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ދައުލަތުގެ ރިޒާވް ހުރީ 581.17 މިލިއަން ޑޮލަރުގައެވެ. އެ ހިސާބުން ފެށިގެން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް އައި އިރު، ރިޒާވް މި ވަނީ ކުރިއަށް ޖެހެން ފަށާފައެވެ.
މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ގައި ހުރީ 590.52 މިލިއަން ޑޮލަރެވެ. 2023 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ އަހަރުގެ މާޗް މަހު ނިންމާލި އިރު ރިޒާވްގައި ހުރީ 764.63 މިލިއަން ޑޮލަރެވެ. އަދި އެ އަހަރުގެ އޭޕްރީލް މަސް ނިންމާލި އިރު ރިޒާވްގައި ހުރީ 756.81 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މާޗް އޭޕްރީލް މަހާއި މިއަހަރުގެ އެ މުއްދަތާ އަލާބަލާއިރު، ރިޒާވްގައި ހުރި މިންވަރު މި ވަނީ ދަށްވެފައެވެ.
2022 ވަނަ އަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަން ގައެވެ.