ރާއްޖެއަށް ބިދޭސީން އެތެރެ ކުރުމަށް މިހާރު ގެންގުޅެމުންދާ އުސޫލު މުރާޖާކޮށް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފިއެވެ.

އެކަމާ ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މިހާރު އަމަލު ކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ހިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިއީ ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން މި މަސައްކަތުގެ ސަބަބުން ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން، ދޫކުރެވޭ ކޯޓާ، ވޯރކް ޕާމިޓް، ޑިޕޮޒިޓް ރީފަންޑް، އަދި މި ނޫންވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ހިދުމަތް ދެވޭ މުއްދަތަަށް ވުރެ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

"އެހެންކަމުން މިކަމުގެ ސަބަބުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން މިނިސްޓްރީ އަށް އެދިފައިވާ ހިދުމަތްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާނެ ވާހަކަ ދެންނެވީމެވެ." އިއުލާނުގައި ވެއެވެ.