ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ތެރެއިން މާލެ އިން ގުޅިފަޅަށް ބްރިޖް އަޅައި ނިންމާލެވޭނީ މާޗް 31، 2026 ގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ، ކޮންސްޓަރކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރް، ތިލަމާލެ ބްރިޖު މަޝްރޫއުގެ ސައިޓަށް ޒިޔާރަތްކުރައްވައި އެ ޒިޔާރަތަށް ފަހު މަޝްރޫއުގެ އެންމެފަހުގެ އަޕްޑޭޓް ހިއްސާ ކުރަމުންނެވެ.

އެ މިނިސްޓްރީން ބުނީ، މުޅި މަޝްރޫއުގެ 38.88 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު، ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބުތަކުގެ ޕައިލިންގެ 66 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އޭގެތެރެއިން ޕައިލް ކެޕްގެ 46 ޕަސެންޓް މަސައްކަތާއި ޕިއާ ކޮލަމްންސްގެ 48 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގައި ގުޅީފަޅުގައި އެފްކޯންސްގެ މުވައްޒަފުން ހަރަކާތްތެރިވަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން - ދަ ޕްރެސް

މަޝްރޫއުގެ ޑެކްއަށް ބޭނުންވާ ޕްރީކާސްޓް ސެގްމަންޓްސްގެ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓަށް ބަލާއިރު، 31 ޕަސެންޓް ކާސްޓްކޮށް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މިހާތަނަށް ވިލިމާލޭގައި ވިހި ސެގްމަންޓް ލޯންޗް ކޮށްފައިވާ އިރު، މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައި ވަނީ މާލެއިން ގުޅިފަޅަށް ދާ ސެގްމަންޓް ކަމަށާއި އެ ނިންމާލެވޭނެ ތާރީހަކީ މާޗް 31، 2026 ކަމަށް ކޮންސްޓރަކްޝަން މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ގުޅިފަޅުން ތިލަފުއްޓާ ހަމައަށް ކުރާ މަސައްކަތް އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއަދު މިނިސްޓަރު މުއްތަލިބް އާއި އިންޑިއާ ސަފީރު ބްރިޖް ސައިޓަށް ޒިޔާރަތް ކުރައްވައި ވަނީ މަސައްކަތް ހިނގަމުންދާ ގޮތާއި, ނިމިފައި ހުރި މަރުހަލާތަށް ބައްލަވާލައްވާފައެވެ. މި ޒިޔާރާތުގައި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއި, މިނިސްޓްރީގެ އިސްވެރިންނާއި، ޓެކްނިކަލް ޓީމް އަދި ބައެއް މީޑިއާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މި ޒިޔާރަތުގައި އެންމެ އިސްކޮށް މި މަޝްރޫއުގެ މަސައްކަތްތަކާ ބެހޭ ފަހުގެ މައުލޫމާތު ދެއްވީ ޕްރޮޖެކްޓްގެ ކޮންސަލްޓަންޓް އާއި ކޮންޓްރެކްޓާ އެފްކޮންސްގެ ރެޕްރެޒެންޓޭޓިވް އެކެެވެ.

މި ޒިޔާރަތަށް ފަހު އިންޑިއާ ސަފީރު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަސައްކަތް ކުރިއަށްދާ ބާރުމިނާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އިންޑިއާ ސަރުކާރާއި އެމްބަސީއާ ގުޅިގެން ރަނގަޅަށް މަސައްކަތް ކުރިޔަށް ގެންދެވޭކަން ވަނީ މިނިސްޓަރ ފާހަގަ ކޮށްފައި ކަމަށެވެ. ހަމައެއާއެކު މި މަޝްރޫއު ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ ތެރެއިން މާލެއިން ގުޅިފަޅަށް ބްރިޖް އަޅައި ނިންމާލެވޭނެ ކަމަށް 2026ގެ މާޗް މަހުގެ ނިޔަލަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވާ އިރު، މީގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބް ވަނީ މުޅި މަޝްރޫއު ނިމޭނެ ތާރީހް އިއުލާން ކުރައްވާފައެވެ. ނަމަވެސް އޭރު ވަކި ސެގްމަންޓްތައް ނިންމޭނެ ސީދާ ތާރީހެއް ހާމައެއް ނުކުރައްވައެވެ.

ގުޅިފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ނިމެނޭ ތާރީހް އާންމުކޮށްފައިވާ މި ދަނޑީވަޅަކީ ނިމިދިޔަ ސަރުކާރުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތީގެ ތެރެއިން ގިރާވަރުފަޅުން ދޫކުރި ގޯތީގެ ބަދަލަށް ގުޅިފަޅުން ގޯތި ދިނުމުގެ މަސައްކަތް ސަރުކާރުން ހިންގަމުންދާ ދުވަސްވަރެވެ. އެ ގޮތުން ގޯތި ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އެޕްލިކަންޓުން ހުށަހަޅާފައިވުމުން އެ މީހުންގެ މެދުގައި ގުރުއަތުލުމަކަށް ދިއުމަށް ވަނީ ނިންމާފައެވެ.