ކ. ގިރިފުށީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުން ކަނޑުދަތުރުކުރާއިރު ސަމާލުވާން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12، 13 އަދި 15 ވަނަ ދުވަހުގެ ރޭ 7:00 އިން 9:30 އަށް ކަމަށެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއާ ހަވާލާދީ ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:

  • ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް: ރައިފަލް / ފްލެއާ
  • ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 3000 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ ލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ކ. ގިރިފުށީ ރޭންޖްއިން ހުޅަނގު ދެކުނަށް

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރުމަށް އަންގާފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެމްއެންޑީއެފްއިން ވަނީ ހުޅުމާލެ ފޭސް 2ގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.