ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން މިއަދު ބޭއްވި ބައްދަލުވުމަކީ، މީގެ ކުރިން ރައީސްގެ ހާއްސަ މުޝީރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް، މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެން ފަހު، ދެ ބޭފުޅުން ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ކަންކަން ބާރު ދުވެލީގެ ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުންނާއި، ރާއްޖޭގެ އިގްތިސޯދީ ދާއިރާގެ ކަންކަމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، ސަރުކާރުން އާންމުންގެ ކުރިއެރުމަށް ކުރަން ރާވާފައިހުރި ކަންކަމުގައި މަޖިލީހުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން، އަބްދުއްރަހީމް ރައީސަށް ދެއްވިއެވެ.