'ފަލަސްތީނާއެކު ދިވެހީން'ގެ ނަމުގައި، ފަލަސްތީނާ އެކު ދިވެހީން ތިބިކަން ހާމަކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިނގާލުމެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ހިނގާލުމުގެ އިތުރުން ޔޫއެން ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫއެންޑަބްލިއުއާރުއޭ) މެދުވެރިކޮށް، ހާލުގައި ޖެހިފައިތިބި ފަލަސްތީނުގެ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަންޑްރެއިޒްކުރުމުގެ ހަރަކާތެއް ހިންގުމަށް ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ހިނގާލުން ބާއްވާނެ ދުވަހަކާއި ފަންޑްރެއިޒްކުރުމުގެ ހަރަކާތެއް ހިންގާނެ ދުވަހެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މީގެ އިތުރުން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ނިންމައި އެކަމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއެއް އެކުލަވާލާފައިވާ ކަން އިހްސާން ހާމަކުރެއްވިއެވެ. އެ ކޮމިޓީގައި އޭނާގެ އިތުރުން ދެން ތިއްބަވަނީ:

  • ބަންޑާރަނައިބު އަހްމަދު އުޝާމް
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

މީގެ އިތުރުން، އިޒްރޭލުން ހިންގާ ގަތުލުއާންމުގެ މައްސަލައިގައި ފަލަސްތީނުން އެދޭ ކަންކަން ދެނެގަތުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ހާއްސަ މަންދޫބެއް ކަނޑައަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިކަމަށާއި، ރާއްޖޭން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ، ސަރުކާރުން މިއަދު ނިންމި ނިންމުމަކީ ދިވެހި ގިނަ ރައްޔިތުން އެދޭ އެދުމެއް ކަމަށާއި، ރައީސާ ވަކިން ބައްދަލުކޮށް ވެސް އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ބައެއް އާންމުން ހުށަހަޅާފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ނިންމުމަކީ އިންސާނިއްޔަތަށްޓަކައި އަދި މުސްލިމުންނަށްޓަކައި ނިންމާ ނިންމުމެއް ކަމަށެވެ.

ސަރުކާރުން މިއަދު މި ނިންމުން ނިންމާފައިވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލައި، މިއަދު ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައި ވަނިކޮށެވެ.