19 ވަނަ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ވަޒީރުންގެ ތެރެއިން ރުހުން ނުދިން 3 ވަޒީރުންނަށް ރުހުން ހޯދަން މާދަމާ އަލުން ވޯޓު ނެގުމަށް އެޖެންޑާ ކޮށްފިއެވެ.
މިދިޔަ މަހުގެ 29 ގައި ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުން ނިންމީ ރައީސް އައްޔަނުކުރެއްވި 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދިނުމަށެވެ. އެ ތިން ވަޒީރުންނަކީ:
- ބަންޑާރަނައިބު އަހްމަދު އުޝާމް
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ބަންޑާރަ ނައިބު އުޝާމަށް ފެންނަ ކަމަށް 24 އަދި ނުފެންނަ ކަމަށް 44 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އިސްލާމިކް މިނިސްޓަރު ޝަހީމަށް ފެންނަ ކަމަށް 30، ނުފެންނަ ކަމަށް 31، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 8 މެމްބަރުން ތިއްބެވެ. އަދި ހައުސިން މިނިސްޓަރު ހައިދަރަށް ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 46 މެމްބަރުން ވަނީ ވޯޓު ދީފައެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 66 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު އެއަށްފަހު 9 ކެންޑިޑޭޓަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. ވުމާއެކު ޕީއެންސީގެ މެންބަރުގެ ޖުމްލަ އަދަދަކީ 75 އެކެވެ.