މިސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތް ސްޕެއިންގެ ރިއާލް މެޑްރިޑް އިން ކާމިޔާބުކޮށްފިއެވެ. ރިކޯޑް 15 ވަނަ ފަހަރަށް ރިއާލްއިން މި މުބާރާތް ކާމިޔާބުކުރީ މިރޭ ޖާމަނީގެ ބޮރޫޝިޔާ ޑޯޓްމަންޑް 2-0 އިން ބަލިކުރުމަށްފަހުއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނަ ހަމަލާތައް އުފައްދާ މޮޅު ކުޅުމެއް ދައްކާފައިވަނީ ބޮރޫޝިއާ ޑޯޓްމަންޑުންނެވެ. އަދި ފުރަތަމަ ހާފްގައި ރިއާލްގެ ގޯލަށް ގިނަ ހާމަލާތައް އަމާޒުކުރި އިރު އެޓީމުގެ ކީޕަރު ޓީބޯ ކޯޓުއާ ވަނީ ހުޝިޔާރު ސޭވްތަކެއް ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފްގައި ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ރިއާލްއިން ވަނީ ކުޅުން ރަނގަޅުކޮށް ޑޯޓްމަންޑްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއަކަށް ވީ މެޗުގެ 72 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން އެޓީމުން މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ޑެނީ ކަރަވާލްއެވެ.

ޖޫނިއާ ވަނީ 2022 ވަނަ އަހަރުގެ ފައިނަލްގައި ވެސް ރިއާލްއަށް ލަނޑެއް ޖަހާ ދީފައި/ފޮޓޯ:އެކްސް

އޭނގެ ނުވަ މިނެޓް ފަހުން ޑޮޓްމަންޑްގެ ޑިފެންޑަރު މެޓާސަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ރިއާލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މި ސީޒަންގައި ރިއާލްއަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ބްރެޒިލްގެ ފޯވަޑް ވެނީސިއަސް ޖޫނިޔާއެވެ.

މެޗު ނިމެން ދަނިކޮށް ޑޯޓްމަންޑުން ލަނޑެއް ޖަހާ ސްކޯލައިންގެ ފަރަގު ކުޑަ ކުރި ނަމަވެސް އެއީ އޮފްސައިޑް ލަނޑެއް ކަމަށް އޮފިޝަލުން ނިންމިއެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް ނިމުނީ 2-0 އިން ރިއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. މިއީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރިކޯޑް މިހާރު ވެސް އޮންނަ ރިއާލްއިން ހެދި އާ ރިކޯޑެވެ. މިރޭގެ ތައްޓާއެކު ރިއާލްއަށް 15 ޗެމްޕިއަންސް ލީގު ޓްރޮފީ ލިބިފައިވާ އިރު އެޓީމާ އެންމެ ގާތުން ވާދަ ކުރާ އިޓަލީގެ އޭސީ މިލާން މި ތަށި އުފުލާލާފައިވަނީ 7 ފަހަރެވެ.