ޔޫރަޕްގެ އެންމެ މޮޅު ކްލަބްތަކުގެ މެޗުގައި ކުޅޭ ޔޫއޭފްއާ ޗެމްޕިއަންސް ލީގުގެ މި ސީޒަންގެ މުބާރާތުގެ ފައިނަލް މިރޭ އޮންނާނެއެވެ.

އިންގްލޭންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ މި މުބާރާތުގެ ފައިނަލްގައި ކުޅޭނީ ސްޕެއިންގެ ޗެމްޕިއަން ރިއާލް މެޑްރިޑާއި ޖާމަނީގެ ބޮރޫޝިއާ ޑޯޓްމަންޑެވެ.

14 ފަހަރު މި ތަށި ހޯދި ރިއާލް އަކީ މިފަހަރުގެ ވެސް ތަށި ގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

ޗެމްޕިއަންސް ލީގު މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޔޫރަޕްގެ ޓީމަކީ ރިއާލް މެޑްރިޑަށް ވާ އިރު މިރޭގެ ފައިނަލް ކާމިޔާބުކޮށްގެން އެޓީމަށް ރިކޯޑް 15 ޗެމްޕިއަންސް ލީގު ތަށި ލިބޭނެއެވެ. ސްޕެނިޝް ލަ ލީގާ ވެސް މި ފަހަރު ބޮޑު ފަރަގަކުން ކާމިޔާބުކުރި ރިއާލްއިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2022 ވަނަ އަހަރުއެވެ. އެއަހަރު ރިއާލްއިން ތަށި އުފުލާލީ 1-0 އިން ލިވަޕޫލް ބަލިކުރުމަށް ފަހުއެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 5 ފަހަރު މި މުބާރާތް ކާމިޔާބުކުރި ރިއާލް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލަކުން ބަލިވެފައިވަނީ 1981 ވަނަ އަހަރެވެ.

ރިއާލްގެ ހޮސެލޫ ވަނީ ބަޔާންއާ ދެކޮޅަށް ދެ ލަނޑު ސެމީގެ ދެވަނަ ލެގުގައި ޖަހާފައި

އެހެންނަމަވެސް ރިއާލްގެ ކޯޗު ކާލޯ އެންޗެލާޓީ ބުނީ އޭނާގެ ކުޅުންތެރިން ތިބީ 15 ވަނަ ތަށި ކިތަންމެ ބޭނުންވެފައި ނަމަވެސް ފައިނަލްގައި ވެދާނެ ގޮތަކާ މެދު ބިރުން ކަމަށެވެ. މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންޗޮލާޓީ ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލްއަކީ އެންމެ އުނދަގޫ އަދި އެންމެ މުހިންމު މެޗު ކަމަށާއި މި މެޗުން މޮޅުވުމަށް ރަނގަޅަށް ކުޅުމުގެ އިތުރުން ނަސީބުވެސް ބޭނުންވާނެ ކަމަށެވެ.

ރިއާލް ފައިނަލަށް ދިޔައީ ކުއާޓާގައި މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ސިޓީ ޕެނަލްޓީއިން ބަލިކޮށް ސެމީގައި ޖާމަނީގެ ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

2013 ވަނަ އަހަރު ވެމްބްލީގެ ފައިނަލްގައި ބަލިވި ޑޮޓްމަންޑަށް މިފަހަރު ކާމިޔާބީ ލިބިދާނެތަ؟

މިއަހަރުުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭ ބޮރޫޝިއާ ޑޯޓްމަންޑަށް މި ސީޒަންގެ ޖާމަން ބުންޑަސް ލީގާގައި މާ މޮޅު ކުޅުމެއް ދެއްކިފައި ނުވާ އިރު އެޓީމު ސީޒަން ނިންމާލީ ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ. އެހެން ނަމަވެސް މި ސީޒަންގެ ޗެމްޕިިއަންސް ލީގުގައި ޑޯޓްމަންޑުން ވަނީ އާދިޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ހާއްސަކޮށް މުބާރާތުގެ ފަހު 16 އިން ފެށިގެން ކުޅުނު މެޗުތަކުގައި އެޓީމުގެ ފަރާތުން ވަރުގަދަ ޑިފެންސިވް ކުޅުމެއް ފެނިގެން ދިޔަ އިރު ޑޯޓްމަންޑް ފައިނަލަށް ދިޔައީ ކުއާޓާގައި ސްޕެއިންގެ އެތްލެޓިކޯ ބަލިކޮށް ސެމީގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ރޮއްވާލުމަށް ފަހުއެވެ.

މުބާރާތުގެ ފަހު ސްޓޭޖްތަކުގައި ޑޯޓްމަންޑުން ވަނީ މޮޅު ކުޅުމެއް ދައްކާފައި

ރިއާލްއާ ޑޯޓްމަންޑް ކުޅޭ ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.