ފާނަ މަސްވެރިިކަމުގައި އުޅުނު މީހެއްގެ ގައިގައި ޖެހުނު ލޯންޗުގެ ކައްޕި ހައްޔަރު ކޮށްފިއެވެ.

އެ ހާދިސާގައި މަރުވެފައިވަނީ ފ. ފީއަލީ "ޓްވިންސް" ދޯނިން ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު ބިދޭސީ އެކެވެ. ފުލުހުން ބުނީ އެ މައްސަލާގައި އެ ލޯންޗު ދުއްވަންއިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

އެކަމާ ގުޅިގެން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު "ދަ ޕްރެސް" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:30 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަން ކުރަން ފައިބާ އުޅުމުގެ ތެރޭގައި މާމިގިލިން މާލެއަށް ދަތުރުކުރި ލޯންޗަކުން ޖެހިގެން ކަމަށްވެސް މޫސާ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ދަނގެތީ ކައިރިއަށް ފާނަ މަސްވެރިކަަމަށް ފައިބާ އުޅުނު މީހެއްގެ ގައިގާ ލޯންޗަކުން ޖެހިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:55 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ލޯންޗުން ޖެހުނު މީހާ ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.