އައްޑޫ ސިޓީ ލިންކް ރޯޑް މަރާމާތް ނުކުރެވޭ ވަރަށް ވީރާނާވެފައިވާ ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިޒްއަށްވެސް މި މަގު ހެދުމަށް 'އާދޭސް' ކޮށްފައިވާކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ އެންމެ ގިނަ ބަޔަކު ދަތުރުފަތުރުކުރުމަށް ބޭނުންވާ މި މަގުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މަގު އެއްކޮށް ހަލާކުވުމާއި ގުޅިގެން ގިނަ ބައަކު އަންނަނީ ޝަކުވާކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އައްޑޫ ސިޓީ ކައުންސިލަށްވެސް އަމާޒުވަމުން އަންނައިރު މޭޔަރު ނިޒާރު ވަނީ މި މަގުގެ ހާލަތާ، އަދި މިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް ހާމަކުރައްވާފައެވެ.
އެގޮތުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ ލިންކް ރޯޑް އަކީ 2001 ވަނަ އަހަރު 25މމ ބޯމިނުގައި (ތާރު އާއްމުގޮތެއްގައި އަޅާ އެންމެ ތުނި މިންވަރަކީ 40 މމ. ) އޭރު ލިބިފައިވާ ބަޖެޓްއަށް ފިޓްކޮށް ވަރައް އާދައިގެ ގޮތަކަށް ހަދާފައިވާ މަގެއްކަމަށެވެ. އަދި ފާއިތުވި 23 އަހަރު މިމަގު އެކި ވަރުގެ މަރާމާތު ކުރެވިފައިވާއިރު ކައުންސިލް އިން ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއި އެކު ވަރަށް އާދައިގެ ވަސީލަތްތައް ބޭނުންކޮށްގެން މަގުގައި ހެދޭ ވަޅުގަޑުތައް މަރާމާތު ކޮއްފައިވާކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫގައި ހިންގާފައިވާ ހުރިހާ ޕްރޮޖެކްޓްތައް ހިންގުމަށް މުދާތައް އުފުލާފައިވަނީ މި މަގުންކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ މިވަގުތު އައްޑޫގައި ހިންގޭ މަގުހެދުމުގެ ބިޔަ ޕްރޮޖެކްޓް އާއި ބިންހިއްކުމުގެ މަސައްކަތުގެ ހުރިހާ މުދަލެއްް 24 ގަޑި އިރު ، 20 ޓަނު އަދި 30 ޓަނުގެ ލޮރީތަކުގައި އުފުލަނީ މި މަގުން ކަމަށެވެ. އަދި މިމަގުގެ ހާލަތު މިހާ ނިކަމެތި ވެފައިވަނީ މި ޕްރޮޖެކްޓް ތަކުގެ ތެރެއިންކަމަށް ނިޒާރު ވިދާޅުވިއެވެ.
އިތުރަށް ނިޒާރު ވިދާޅުވީ މިމަގުގެ ހާލަތު މިގޮތައްވާނެކަން ވިސްނައި ދައުލަތުގެ ކަމާއި ގުޅުންހުރި ހުރިހާ މުވައްސަސާ ތަކެއްގައި ލިންކްރޯޑް މަރާމާތު ކޮއްދިނުމަށް ކުރިންވެސް އެދިފައިވާކަމަށެވެ. އަދި ހިތަދޫ ބޮޑުމަގުގެ ރީސާފޭސިންގް ކޮމްޕޯނަންޓް އުނިކޮށް ލިންކްރޯޑް މަރާމާތު ކުރަންވެސް ކައުންސިލުން މިނިސްޓަރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިނފްރާސްޓްރަކްޗާ ގައި އެދިފައިވާނެކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ. "އެހެންނަމަވެސް ކޮންޓްރެކްޓާ އާއި އެކު ވެފައިވާ އެއްބަސްވުމަށް ބަދަލުގެނެވެން ނެތުމާއެކު އެގޮތަށް އެކަން ކުރެވެން ނެތްކަމަށް މިނިސްޓްރީއިން ވަނީ ކައުންސިލްއަށް އަންގާފައި." ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން ނިޒާރު ވިދާޅުވީ މިވަގުތު ކައުންސިލްއަށް ކުރެވެން އޮތް ކަމަކީ ލިންކްރޯޑު ގައި ހެދިފައިވާ ވަޅުގަޑުތަކަށް ވެލި އެޅައިގެން މަރާމާތުކުރުން ކަމު އެކަން ކުރިއަށް ދާ ކަމަށެވެ. . އަދި މިކަމަށް އަވަސް ހައްލެއް ހޯދުމަށް ދައުލަތުގެ މުވައްސަސާތަކާއި އެކު މެދުނުކެޑި މަޝްވަރާ ކުރިއަށްދާކަމަށްވެސް ނިޒާރު ވިދާޅުވިއެވެ. އިތުރަށް ނިޒާރު ވިދާޅުވީ ލިންކްރޯޑު ހެދުމަށް އާރްޑީސީ އާއި ހަވާލުކުރުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް ކޮންސްޓްރެކްޝަން މިނިސްޓަރު ޑރ.އަބްދުއްﷲ މުއްތަލިބު ވިދާޅުވެފައިވާކަމަށާއި އުއްމީދަކީ އައްޑޫސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ މިތަކްލީފަށް އަވަސްހައްލެއް ސަރުކާރުން ހޯދައި ދިނުންކަމަށެވެ.
އައްޑޫ ސިޓީގެ ބުރިޖުގެ މަސައްކަތާއި މަގުތައް ހެދުމުގެ މަސައްކަތާ ގުޅޭ ގޮތުން މުއްތަލިބު ވަނީ އައްޑޫގައި ސިމެންތި އަޅާފައިވާ މަގުތަކާ ލިންކު ރޯޑުގައި ތާރު އެޅުމަށް އާރުޑީސީއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ދާކަން ހާމަކުރައްވާފައެވެ. އަދި ލިންކު ރޯޑް ހެދުމަށް މިއަހަރު ބަޖެޓުގައި ހިމެނިފައި ނެތްނަމަވެސް އެމަގު ހެދޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މުައްތަލިބު ވިދާޅުވިއެވެ. އިތުރަށް މުއްތަލިބު ވިދާޅުވީ ލިންކު ރޯޑަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގަކަށްވާތީ އެ މަގު ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.