ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ، މާލޭގައި އެއްބައިވަންތަކަމުގެ އެއްވުމަށް ބާއްވަން ނިންމައިފިއެވެ.
'ރަފަހް އަނދަނީ'ގެ ނަމުގައި މާލޭގައި ބޭއްވުމަށް ހަމެޖިފައިވާ އެއްވުން އޮންނާނީ މިއަދު ހަވީރު 16:00 ގައި އާޓިފިޝަލް ބީޗުގައެވެ.
އިސްރާ އެސޯސިއޭޝަން އިސްނަގައިގެން އަދި ބައެއް ޖަމިއްޔާ ޖަމާއަތްތަކުގެވެސް ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެއްވުމަކީ ފަލަސްތީނުގެ މުސްލިމުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ބާއްވާ އެއްވުމެއް ކަމަށް ބުނެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 36،224 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 81،777 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ އަނިޔާވެރި ހަމަލާތައް ހައްދު ފަހަނަ އަޅާފައިވާއިރު މި މަހުގެ 27 ވަނަ ދުވަހު ގާޒާގެ ޖަބަލިޔާ، ނުސައިރަތު އަދި ގާޒާ ސިޓީގެ އިތުރުން ތަލް އަލް ސުލްތާނަށް ބޮން އަޅާ އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ. މި ހަމަލާތަކުގެ ތެރެއިން ތަލް އަލް ސުލްތާނަށް ދިން ހަމަލާގައި ރެފިއުޖީ ކޭމްޕްގެ ބޮޑުބައެއްގައި ރޯވެ އަނދާފައި ވާ އިރު އިޒްރޭލުން ބުނީ، އެމީހުން ހަމަލާ ދިނީ ހަމާސް އިން ހަތިޔާރު ރައްކާ ކުރާ ތަނަކަށް، އަމާޒަށް ދަތުރު ކުރާ ބޮމެއް ބޭނުން ކޮށްގެން ކަމަށެވެ. ނަމަވެސް އެހާދިސާގައި ކޭމްޕުގެ ބޮޑުބައެއްގައި ރޯވެ ދިރި ތިއްބާ އެތައް ބަޔަކު ވަނީ އަނދާ އަޅިއަށްވެފައެވެ.
އިޒްރޭލުން ދޭ ހަމަލަތާއް ވަރުގަދަ ކޮށްފައި ވާ އިރު ޕަލަސްތީން އޮތޯރިޓީގެ ބާރުގެ ދަށުގައި އޮންނަ ހުޅަނގު އައްސޭރީގައިވެސް ދަނީ ހަރަކާތެއް ހިންގަމުންނެވެ. ގިނަ އަދަދެއްގެ އަސްކަރީ އުޅަނދުތަކާއެކު ހުޅަނގު އައްސޭރިއަށް ވަދެގަނެ ގެއަކަށް ފަހު ގެއެއް ބަލައި ފާސް ކުރަމުން އެތައް ބަޔަކު މިހާރުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
މި އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ރާއްޖެއިންވެސް ވަކާލާތު ކުރަމުން ދާއިރު އިޒްރޭލުގެ ޔަހޫދީން ދަނީ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ.