ޕާކިސްތާނުން ނިއުކްލިއާ ގާބިލުކަން ހޯދާ މެއި 28, 1998 ގައި ނިއުކްލިއާ ޓެސްޓްތަކެއް ކުރުމާއެކު އިންޑިއާގެ އޭރުގެ ބޮޑުވަޒީރު އަޓަލް ބިހާރީ ވާޖްޕާއީ ޕާކިސްތާނަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއި ކުރެއްވި ކަމަށާއި އެއާ ހިލާފުވީ ޕާކިސްތާނުން ކަމަށް ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފް އެއްބަސްވެވަޑައިގެންފިއެވެ.
މިހާރު ވެރިކަން ކުރާ ޕީއެމްއެލް-އެން ޕާޓީގެ ލީޑަރުކަން ނަވާޒަށް ލިބިވަޑައިގެންފައި ވާ އިރު, ޕާޓީގެ އެތެރޭގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސުލްހައިގެ އެ އެއްބަސްވުމާ ހިލާފުވެވަޑައިގެންނި ކަމަށް އޭނާ ވިދާޅުވުމާއެކު އިންޑިއާ އިން ވަނީ ގިނަ ސުވާލުތަކެއް އުފައްދާފައެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ހަފްތާއަކު އެއްފަހަރު ބާއްވާ ޕްރެސްގައި ތަރުޖަމާން ރަންދީރު ޖައިޝްވާލް ވިދާޅުވީ, އެ އެއްބަސްވުމާ ހިލާފުވި ކަމަށް މިއަދު ޕާކިސްތާނުން ބުނެފައި ވާ އިރު އޭގެ ނަތީޖާ އޭރު ]ހިލާފު ހިސާބުން[ ގޯސްކޮށް ހިނގާފައި ވާ ކަމަށާއި އޭގެ އެއް ހެއްކަކީ މަޝްހޫރު ކާގިލް ހަނގުރާމަ ކަމަށެވެ.
"ލާހޯރު އެގްރީމެންޓު" ގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ އެއްބަސްވުމުގައި ފެބްރުއަރީ 21, 1999 ގައި ސޮއިކުރުމާއެކު ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ތާރީހީ ސުލްހައިގެ އެއްބަސްވުމެއް ގާއިމުވެގެން ދިޔައެވެ. އޭގެ ދަށުން ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ގުޅުންތައް ރަނގަޅު ވަމުން ދަނިކޮށް މާގިނަ ދުވަހެއް ނުވެ ޕާކިސްތާނުގެ ސިފައިން އިންޑިއާ އާއި ޕާކިސްތާނުން އަމިއްލަ ކުރަން އަރާރުންވާ ޖަންމޫ އެންޑް ކަޝްމީރުގެ ކާގިލް އަށް ވަދެގަތެވެ. އެއީ ބޮޑު ލޭއޮހޮރުވުމެއް ހިނގި މަޝްހޫރު ކާގިލް ހަނގުރާމަ ފެށުނު ހިސާބެވެ.
އެ ދުވަސް ވަރަކީ އިންޑިއާ އިން ވެސް ނިއުކްލިއާ ގާބިލުކަން ހޯދާ ޕާކިސްތާނަށް ވުރެ އެ ރޮނގުގައި ކުރިއަރާފައި އޮތް ދުވަސް ވަރެކެވެ. ޕާކިސްތާނަށް ލިބުނު ފުރުސަތުގައި އެމެރިކާ ފަދަ ގައުމުތަކުން ޕްރެޝާ ކުރިމަތި ކުރަމުން ދަނިކޮށްވެސް ވަނީ ނިއުކްލިއާ ޓެސްޓްގެ 5 ޓެސްޓް ކޮށްފައެވެ. އޭރު ޕާކިސްތާން ހުއްޓުވަން އެމެރިކާގެ އޭރުގެ ރައީސް ބިލް ކްލިންޓަން ޕާކިސްތާނަށް 5 ބިލިއަން ޑޮލަރު ހުށަހެޅުއްވި ކަމަށް ވެސް ނަވާޒު ވިދާޅުވިއެވެ. އޭރު ޕާކިސްތާނުން ނިއުކްލިއާ ޓެސްޓް ކުރުމާ ދެކޮޅު ހައްދަވަމުން ގެންދެވި އެތެރޭގެ އެއްބޭފުޅަކީ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ކަމަށާއި އެ ވަގުތު ބޮޑުވަޒީރު ކަމުގައި އޭނާ ހުންނެވި ނަމަ އެމެރިކާއިން ދޭން ބުނި ފައިސާގައި ޖެހިވަޑައިގެން އެކަން ހުއްޓަވާލެއްވީސް ކަމަށް ވެސް ވިދާޅުވިއެވެ. އިތުރަށް ނަވާޒު ވިދާޅުވީ އެމެރިކާއިން އެހާބޮޑު ހުށަހެޅުމެއް ލިބިވަޑައިގެންނެވި ނަމަވެސް އެކަމާ އަޅާނުލައްވައި ނިއުކްލިއާ ޓެސްޓް ކުރުމުގައި ކުރިއަށް ވަޑައިގެންނެވި ކަމަށެވެ.
އެ ހާދިސާތަކުގެ ވާހަކަތައް ތަފްސީލުކޮށްދެއްވަމުން އޭނާ އިތުރަށް ވިދާޅުވީ އޭރު ވެރިކަން ވައްޓާލުމަށް އިމްރާން ހާނަށް އެންމެ ބޮޑަށް އެހީތެރިކަން ދެއްވީ އޭރުގެ އައިއެސްއައި ޗީފް ޖެނެރަލް ޒާހިރުލް އިސްލާމް ކަމަށެވެ. އަދި އެކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ސާދިގް ނިސާރުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ނަވާޒު ތުހުމަތު ކުރެއްވިއެވެ.
ކާގިލް ހަނގުރާމައިގައި އިންޑިއާ ސިފައިންގެ 527 މީހަކު މަރުވެފައި ވާ އިރު ޕާކިސްތާނު ސިފައިންގެ ތެރެއިން 400 އާއި 4000 އާ ދެމެދުގެ އަދަދަކަށް ސިފައިން މަރުވިއެވެ. ރަސްމީ އައަދުތައް ޕާކިސްތާނުން ހާމަކޮށްފައި ނުވި ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓުމަންޓުން ބުނެފައި ވަނީ 700 މީހުން މަރުވި ކަމަށެވެ. އޭރު ނަވާޒު ޝަރީފް ވިދާޅުވީ 2700 އާއި 4000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވި ކަމަށެވެ. ނަމަވެސް އާމީން ބުނެފައިވަނީ މަރުވީ 453 ކަމަށެވެ. ނަވާޒުގެ ޕާޓީން އޭރު ނެރުނު ވައިޓް ޕޭޕާގައި ބުނާގޮތުން 3500 މީހުން މަރުވިއެވެ.
އިންޑިއާ ފަޅިން މަރުވި ކަމަށް މުޝައްރަފު ވިދާޅުވާ އަދަދު އިންޑިއާގެ އަދަދާވެސް ދިމައެއް ނުވެއެވެ. މުޝައްރަފް ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިންގެ 1600 މީހުން މަރުވި ކަމަށެވެ.
އިންޑިއާއިން 30,000 ސިފައިން އަދި ޕާކިސްތާނުން 5000 ސިފައިން ކުރި އެ ހަނގުރާމަ އިންޑިއާއިން ކާބިޔާބު ކޮށް ކާގިލްގެ އުސްބިންތައް އަތުލީ ޖުލައި 26, 1999 ގައެވެ.