އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ފުރިހަމަ ކުރުމުގެ ގޮތުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން "ހާލު ކިހެނެއް؟" ޕްރޮގްރާމް މުޅި ރާއްޖޭގައި ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ، މި ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުން ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާތަކާއި، ކަމާ ގުޅުން ހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ އެކު މަސައްކަތް ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ފަށާފައި ވަނީ މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހި، ހިޔާ ސަރަހައްދުންނެވެ. މާލެ ސަރަހައްދެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އާއިލީ ސެންޓަރުތައް ހުރި ރަށްރަށުގައި މި ޕްރޮގްރާމު ވަނީ ފަށާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ހާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބުނެއެވެ. އެގޮތުން ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައި ވީ ނަމަވެސް، ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯދުމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅައިގެން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ހާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީގެ ޓީމްތަކުން ކުރަމުން ގެންދާނެ ކަމަށް ބުނެއެވެ.

އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމައުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިއީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.