އަބަދުވެސް ކަންކަން ހައްލުކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުމަކީ އެންމެ ފަހުން ކުރާކަމެއްގެ ގޮތުގައި ހަދަންޖެހޭ ކަަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިޔާތުގައި ކޮމިޝަނަރު ވިދާޅުވީ ކިޔަވައިގެން މެނުވީ ފުލުހުންގެ ހިދުމަތް ކުރިއަށް ނުދާނެކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ދެވޭ ހިދުމަތުގެ ފެންވަރުވެސް ރަނގަޅުވެގެން ނުދާނެކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ފުލުހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވުމަށް އުނގެނުކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކޮމިޝަނަރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ނިންމުމަށްފަހު ފުލުހުންގެ ފަހުރުވެރި ޔުނީފޯމުގައި ގައުމީ ހިދުމަތަށް ނުކުންނައިރު ކޮންމެ އޮފިސަރެއްގެ ފަރާތުން ފެންނަން އެދޭ ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި ގައުމުދެކެ ލޯބިވާކަމާއި ގައުމީ ލޭ ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަންޖެހޭ ކަމަށާއި އޮފިސަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާގޮތުން އެ ސިފަތައް ހުރިކަން ދެނެގަންނަން އުނދަގޫ ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކޮންމެކަމަކީ ފުލުހުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭކަމަށާއި ހަވާލުކުރެވޭ ޑިއުޓީ އަދާކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޮންމެ ރަށެއްގެ ބަނދަރު ސަރަހައްދުގައި އަބަދުވެސް ފުލުހަކު ހުރުމަށް ރައްޔިތުން އެދޭ ކަމެއްކަން ފާހަގަކުރަވަމުން ޝުޖާއު ވިދާޅުވީ ޔުނީފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއްކަމަށެވެ. އަދި އޭގެ ނަތީޖާއަކަށްވާނީ މަސްތުވާތަކެތި ފާޅުގައި އެތެރެކުރުމަށް މީހުން ޖެހިލުންވުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޝައްކުކުރެވޭ މީހުން، އޮންނަ އުސޫލުގެ ތެރެއިން ބަލައިފާސްކުރާ ހިސާބުން އެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށްބޮޑަށް ހުއްޓިގެންދާނެ ކަމަށާއި މަސްތުވާތަކެތި ހުއްޓުވުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންޖެހޭ ހިސާބަށް މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

އިތުރަށް ޝުޖާއު ވިދާޅުވީ ރާއްޖޭގެ މަގުތަކުގައި އަމާންކަން ގާއިމުކުރެވޭނީ ވެސް މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމާއި މަގުތައް ބިޒީވާ ގަޑިތަކުގައި އަމިއްލައަށް އިސްނަގައިގެން މަގުމައްޗަށް ނުކުމެ ހަމަހަމަކަމާއެކު ގާނޫނުތައް ތަންފީޒުކުރާތަން ފެންނަން ޖެހޭކަމަށެވެ.