ސަރުކާރުގެ އަމާޒު ހާސިލްވާނީ ފުލުހުންނަށް ކުރިމަތިވާ ރިޝްވަތުން ސަލަމާތްވެގެން މަސައްކަތް ކުރުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އައްޑޫގައި ރޭ ބޭއްވި ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒު ހާސިލް ކުރުމަށް ފުލުހުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާ ތިން ކަމަކީ، ރާއްޖެއިން މަސްތުވާތަކެތި އެއްކޮށް ނައްތާލުމަށް ކުރާ މަސައްކަތާއި، ގޭންގު ކުއްތަށް ހުއްޓުވުމަށް ކުރާ މަސައްކަތުގެ އިތުރުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމެވެ.

އެ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ ވެރިންގެ އިރުޝާދާ އެކު މަސައްކަތް ކުރުމަށް އިހުސާން ވަނީ ދަސްވެނީންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެމަގަށް މަސައްކަތް ކުރަމުންދާއިރު ރިޝްވަތު ދިނުމާއި، ބިރު ދެއްކުން ފަދަ ގޮންޖެހުންތައް އެތެރެއިންނާއި ބޭރުން ކުރިމަތިވާނެ ކަމަށާއި ނަމަވެސް ފުލުހުންގެ އަޒުމުގައި ދެމިތިބުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

" ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާއި ގުޅޭ ކުދިންގެ ފަރާތުން އަޅުގަނޑު އެދެނީ މި ދެންނެވި ކަންކަން ކާމިޔާބު ކުރުމަށް، ތި ކުދިންގެ ވެރިންގެ އިރުޝާދާއި އެއްގޮތަށް ގަދައަޅާ މަސައްކަތް ކުރުމަށް،" އިހުސާން ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ކުށް މަދުކޮށް އަމާން މާހައުލެއް ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ފުލުހުންގެ ސަފުތަކާއި އަލަށް ގުޅޭ ކޮންމެ އޮފިސަރަކުވެސް ގަދައަޅާ މަސައްކަތްކުރުމަށް ގޮވާލާފައިވެއެވެ. އަދި މިކަމުގައި ކުރަން ޖެހޭ މަަސައްކަތްތައް ކުރުމުގައި ހުރިހާ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ފުލުހުންގެ އަސާސީ ތަމްރީނު މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.

އެގޮތުން، ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.