އާޓިފިޝަލް އިންޓެލިޖެންސް ގެ ދާއިރާ ވަރުގަދަކޮށް ފުޅާ ކުރުމަށްޓަކައި ގޫގުލް އިން މެލޭޝިއާގައި 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ގާއިމު ކުރަން ނިންމައިފިއެވެ.
އެއާއެކު އެ ސަރަހައްދުގައި ގާއިމު ކުރާ ގޫގުލްފެ ފުރަތަމަ ޑާޓާ ސެންޓަރަކަށް ވެސް ވެގެން ދާނީ މެލޭޝިއާއެވެ.
މި އިންވެސްޓްމަންޓާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގޫގުލްގެ ކަންޓްރީ ޑިރެކްޓަރު ފަރްހާން އެސް ގުރައިޝީ ބުނީ މި އިންވެސްޓްމަންޓާއެކު ވިޔަފާރިތަކަށާއި ތައުލީމީ ދާއިރާގެ ފަރާތްތަކުގެ އިތުރުން މެލޭޝިއާގައި އުޅޭ ކޮންމެ މީހަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެން ދާނެ އިންވެސްޓްމަންޓަކަށް ވާނެ ކަމަށެވެ.
އާ ޑޭޓާ ސެންޓަރާއެކު ގޫގުލް މެޕާއި ގޫގުލް ސާޗް އިތުރަށް ފުރިހަމަ ކުރެވި އާޓިފިޝަލް އިންޓެލިޖެންސްގެ ފަސޭހަކަން މެލޭޝިއާއަށް ލިބިގެންދާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
މި އިންވެސްޓްމަންޓާ ގުޅިގެން މެލޭޝިއާގއެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ, ގައުމުގެ އިގުތިސޯދަށް 3.2 ބިލިއަން ޑޮލަރު އިތުރު ވެ މަދުވެގެން 26,500 ވަޒީފާ އުފެދިގެން ދާނެ ކަމަށެވެ.
އެމެރިކާ އަށް ނިސްބަތްވާ ގޫގުލް އިން ވަނީ ކޮމްޕިއުޓާ ތައުލީމު އިނގޭ 670 މިލިއަން މީހުން ހިމެނޭ ދެކުނު އިރުމަތީ އޭޝިއާގައި އިންވެސްޓްމަންޓު ކުރަން ފަށާފައެވެ.
ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މިފަދަ ބޮޑެތި އިންވެސްޓްމަންޓުތަކާ އެކު 2030 އަންނަ އިރު ދެކުނު އިރުމަތީ އޭޝިއާގެ އެކިއެކި ސަރަހައްދުތަކުގެ އިގްތިސޯދަށް 1 ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް އިތުރުވެގެން ދާނެއެވެ. އޭއައި އާއެކު ތައާރަފުވެގެން އަންނަ ހިދުމަތްތަކާއި މިހާރު ބޭނުން ކުރާ ނަމަވެސް އިތުރަށް ފުރިހަމަ ކުރެވިގެން ދާނެ ހިދުމަތްތަކާއެކު ކޮމްޕިއުޓާ އިމްލުގެ ދާއިރާއިން ގިނަ ބަޔަކަށް ކުރިއަށް ދިޔުމުގެ ފުރުސަތުތައްވެސް ފަހިވެގެން ދާނެ ކަމަށް ބުނެއެވެ.