އެއާޕޯޓް ޓެކްސީ ކިއުއަށް ދިމާވެފައިވާ މައްސަލައަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓުގައި އޮންނަ ޓެކްސީ ކިއުއިން ކުރިމަތިވާ މައްސަލަތަކުގެ ޝަކުވާ މި ފަހުން ވަނީ އިތުރުވެފައެވެ.
އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޑްރައިވަރުން އުޒުރުވެރި ވުމާއި، ދަތުރެއް ނެގުމަށް ފަހު، އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރު ކުރުމާއި، މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ މައްސަލަތައް ހިމެނެއެވެ.
އަދި އާންމުންގެ މި ޝަކުވާތަކަށް ހައްލު ހޯދާ ދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި ފުލުހުން ގުޅިގެން ދާދިފަހުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ޓެކްސީ ކިއު ބެލެހެއްޓުމަށް 24 ގަޑިއިރު ފުލުހުން ހަރަކާތްތެރިވުމުގެ އިތުރުން ގަވާއިދާ ހިލާފަށް އަމަލުކުރާ ޓެކްސީ ޑްރައިވަރުންނާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި ހަމައެހެންމެ ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ޓެކްސީގެ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކިއުއާރްކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، މި ފިޔަވަޅުތަކާއެކު އެއާޕޯޓް ޓެކްސީ ކިއުއަށް ދިމާވެފައިވާ މައްސަލައަށް 100 ޕަސެންޓުގެ ހައްލެއް ނުލިބުނު ނަމަވެސް އެ މައްސަލައަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ. އެއްވެސް މައްސަލައެއްގައި 100 ޕަސެންޓު ހާސިލް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ ޖުމްލަ ގޮތެއްގައި ކުރިން އޮތް ހާލަތަށް ވުރެ މިހާރު އޮތް ހާލަތު ރަނގަޅު ވެފައިވާ ކަމަށެވެ.
އަދި ބޭރު ގައުމުތަކުގައިވެސް މިކަންކަން ކުރާ އުސޫލުން ސިސްޓަމަޓައިޒް ކޮށް އެކަން ކުރެވޭނީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލް ނިމުމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި އުންމީދަކީ ޓާމިނަލް ހުޅުވުމާއެކު ވީ އެންމެ އަވަހަކަށް އެކަން ހައްލު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޓެކްސީގެ ހިދުމަތުގެ މައްސަލަ އަށް ދާއިމީ ހައްލު ގެންނައުމަށް ޒަމާނީ ޓެކްސީ ލައިނެއް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.